މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގައި ވާދަކުރާ ދިވެހި ފިރިހެން ވޮލީބޯޅަ ޓީމުން ކުޅުނު ދެވަނަ މެޗުން ލަންކާ އަތުން ބަލިވެއްޖެއެވެ.

ލަންކާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން / ފޮޓޯ: ވޮލީބޯޅް އެސޯސިއޭޝަން
މުބާރާތް ބާއްވާ ގައުމު އަތުން ގައުމީ ޓީމު ބަލިވިއިރު، 6 ގައުމު ވާދަކުރާ މި މުބާރާތުގައި ދެން ވާދަކުރަނީ އުޒްބެކިސްތާނާއި، ލަންކާ އަދި ކިރްގިސްތާނާއި ނޭޕާލްގެ އިތުރުން ތުރުކުމެނިސްތާނެވެ. އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮލޮމްބޯގެ ސުގަތަދާސަ އިންޑޯ ސްޓޭޑިއަމުގައި ކުރިޔަށްދާ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމު ލަންކާ އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ލަންކާއިން ގެންދިޔައީ 25-14، 25-14 އަދި 25-11 އިންނެވެ. މި މެޗުން ރާއްޖެ ބަލިވިއިރު، މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ވަނީ ސީދާ ތިން ސެޓުން ތުރުކުމެނިސްތާން އަތުން ވެސް ބަލިވެފައިކަން ފާހަގަ ކުރެވެއެވެ.
މި މުބާރާތުގައި އިއްޔެ ތުރުކުމެނިސްތާނުން ވަނީ ސީދާ ތިން ސެޓުން ކިރްގިސްތާން ބަލިކޮށްފައެވެ. އަދި އުޒްބެކިސްތާނުން ވަނީ 3-1 ސެޓުން ނޭޕާލް ބަލިކޮށްފައެވެ.

ލަންކާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން / ފޮޓޯ: ވޮލީބޯޅް އެސޯސިއޭޝަން
މި މުބާރާތް ރޭވިފައިވާ ގޮތުން ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާއިރު، އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތައް ފައިނަލަށް ދަތުރުކުރާނެއެވެ.









