ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ގެ ރައީސް އަދި އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓަރު ޖަގަތު ޕްރަކާޝް ނައްޑާ އާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމަކީ ރައީސް ޑރ. މުއިއްޒު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.
ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި، ސިއްޙީ ފަރުވާގެ ފެންވަރު ރަނގަޅުކޮށް އެ ޚިދުމަތުގައި ކުރުންތެރިކަން އިތުރުކުރުމުގެ ގޮތުން އެކި ދާއިރާތަކުން ޚާއްޞަ ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރުމާއި، ސިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރުމާއި، ޑިޖިޓަލައިޒްކުރުން ހިމެނެއެވެ.
ބައްދަލުކުރެއްވުމަށްފަހު ބީޖޭޕީގެ ރައީސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ބީޖޭޕީއާ ޕީއެންސީއާ ދެމެދު ގުޅުން ބަދަހިކުރުމަށާއި ދެ ފަރާތުގެ ހުރި އެއްގޮތް ވިސްނުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުނު ކަމަށެވެ. އަދި މިނިސްޓަރ ނައްޑާ ވަނީ، އިންޑިއާ އާއި ރާއްޖެއާ ދެމެދު ބަދަހިވަމުން އަންނަ ގުޅުން ފެނިވަޑައިގަތުމުން އުފާކުރައްވާކަމަށް ވިދާޅުވެފައެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި އިއްޔެ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ރަސްމީ މަޝްވަރާތައް ކުރައްވައި، ރާއްޖެ އާއި އިންޑިއާ އާ ދެމެދު މުހިންމު ފަސް އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މީގެ އިތުރުން، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް އަދި ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައިވެއެވެ.
ރައީސް މުއިއްޒުގެ މި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއަށާއި ބެންގަލޫރަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ޚާއްޞަކޮށް ސިއްޙީ ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވާނެ ދަތުރުފުޅެއް ކަމަށް ލަފާކުރެވެއެވެ.









