އިންޑިއާގެ ދައުވަތަކަށް އެގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ އިބްރާހީމް ތާޖްމަހަލް އަށް ޒިޔާރަތް ކުރައްވައިފިއެވެ. މި ޓުއަރގައި ދިވެހި ވަފްދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
17 ވަނަ ގަރުނުގެ އާކިޓެކްޗަރަލް މަސައްކަތް ބައްލަވާލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އެކު ރާއްޖޭގެ ވަފުދު ތާޖުމަހަލް އަށް ވަޑައިގަތީ މިއަދު ވަރަށް ހެނދުނުގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އާއި ފަސްޓް ލޭޑީ ޝިލްޕްގްރާމްއަށް ވަޑައިގަތީ ހެނދުނު 8:40 ހާއިރު އެވެ. އެތަނުން ތާޖުމަހަލަށް ވަޑައިގަތީ އީކޯ ފްރެންޑްލީ ވެހިކަލްތަކުގައެވެ.
އިންޑިއާގެ މުއްސަނދި ސަގާފީ ތަރިކައެއްގެ ރަމްޒެއް ކަމަށްވާ ތާޖް މަހަލް އަކީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ސަރަހައްދެއް ވެސް މެއެވެ.
ރައީސްގެ މިދަތުރުފުުގައި އިންޑިއާ ސަރުކާރުން އެމަނިކުފާނަށް ދެއްވި ޙާއްސަ ހޫނު މަރުހަބާއަށްޓަކައި އެމަނިކުފާނު ވަނީ އިންޑިއާގެ ރައީސް ދުރޫޕަރީ މުރުމޫގެ އިތުރުން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޝުކުރު އަދާކުރައްވާފައެވެ.
ތާޖުމަހަލް އަށް ކުރެއްވި ޒިޔާރަތަކީ ރައީސަށް މަރުހަބާ ދެންނެވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ބާއްވާ އިވެންޓު ތަކުގެ ތެރެއިން ބައެކެވެ، މުޅި ދަތުރުފުޅުގައި ރާއްޖޭގެ ވަފްދުގެ ހުރިހާ މެހެމާންދާރީގެ ކަންތައްތައް ބަލަހައްޓަވަނީ އިންޑިއާ ސަރުކާރުގެ ފަރާތުންނެވެ.

ރައީސުލް ޖުމްހޫރިއްޔާ އާއި އަނބިކަނބަލުމް މެޑަމް ސާޖިދާ އިބްރާހީމް އިންޑިއާގެ އާގްރާގައި ހުންނަ ތާޖުމަހަލް އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން. ފޮޓޯ: ޚުލާސާ









