ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖެއާއި އިންޑިއާގެ ވިޔަފާރީގެ ގުޅުމުގެ އައު ބާބެއްގެ ފެށުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިންޑިއާގެ ނިއުދިއްލީގައި މިއަދު ބޭއްވުނު އިންޑިއާ - މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވާހަކަފުޅުގައި، ރާއްޖެއާއި އިންޑިއާގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ވިޔަފާރީގެ ދާއިރާގައި ދެޤައުމުގެ ގުޅުން ވަރަށް ބަދަހިކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މި ގުޅުން އިތުރަށް ހަރުދަނާ ވާނެކަމަށް ވިދާޅުވިއެވެ.
އެގޮތުން، ރައީސް މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި އިޤްތިޞާދީ ދާއިރާއިން ސަރުކާރުން ކުރެއްވި މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރަކީ ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުންކަމަށްވެސް ވިދާޅުވިއެވެ.
"އިޤްތިޞާދު ސިންދަފާތުކުރުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރަކީ ޑިޖިޓަލް އިކޮނޮމީއެއް ޤާއިމްކުރުން. އަދި މާލީ ދާއިރާ ފުޅާކޮށް، މެރިޓައިމް ޚިދުމަތްތައްވެސް ފުޅާކުރުން." ވަޒީރު ވިދާޅުވިއެވެ.
އެގޮތުން، ވަޒީރުގެ ވާހަކަފުޅުގައި، ރާއްޖޭގައި އޮތީ އިންވެސްޓްމަންޓްތަކަށް ފަހި އަދި ރައްކާތެރި މާހައުލެއްކަން ފާހަގަކުރައްވައި، ޤާނޫނީގޮތުން ގެންނަވާ އިޞްލާހުތަކުގެ ތެރޭގައި 45 އަހަރުވީ ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނުގެ ބަދަލުގައި ޒަމާނީ އައު ޤާނޫނެއް އެކުލަވާލާ އަމަލުކުރަން ފަށްޓަވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މާލީ ނިޒާމަށް ގެންނަވާ ޒަމާނީ ބަދަލުތަކާއެކު ފިކުރީ މުދަލަށްވެސް ޤާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމަށް ވިދާޅުވިއެވެ.
ވިޔަފާރީގެ ދާއިރާއިން ކުރެވޭ މަސައްކަތްތަކާއެކު ދެޤައުމު ގުޅިގެން އިޤްތިޞާދީ ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.









