ރާއްޖޭގެ އަމާޒަކީ ޑިޖިޓަލް އިޤްތިޞާދަކާ ދިމާލަށް ކަމަށާއި، މި ދާއިރާގައި އިންވެސްޓްކުރުމަށް ރާއްޖެއަކީ ފަހި މާޙައުލެއް އޮތް ތަނެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މި ވާހަކަ ވިދާޅުވީ މިއަދު ބޭއްވުނު އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑިޖިޓަލް އިޤްތިޞާދެއް ގެނައުމަށް ކުރެވޭ މަސައްކަތުގައި އިންޑިއާގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އިންޑިއާއަކީ ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ ޢުމްރާނީ، ސިއްޙީ، ތަޢުލީމީ އަދި އެހެނިހެން ދާއިރާތަކުން އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އޮންނަތާ ޒަމާންތަކެއް ވެއްޖެކަމަށާއި، އެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތްތަކެއް ކުރައްވަމުންމުންދާކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
އިޤްތިޞާދު ކުރިއެރުވުމުގައި އަމިއްލަ އިންވެސްޓްމަންޓްތަކުގެ މުހިންމުކަން ފާހަގަކުރައްވައި، އިޤްތިޞާދީ ކުރިއެރުން އަވަސްކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް އަމިއްލަ ވިޔަފާރިތަކުގެ އެހީތެރިކަން ކޮންމެހެން ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ ސިޔާސަތުތަކާއެކު ކަކު ކަމަށާއި، އެކަމަށްޓަކައި ފަތުރުވެރިކަމުގެ ސިނާޢަތުގެ އިތުރުން މާލީ އައައު ސިނާޢަތެއް އުފައްދައި ތަރައްޤީކުރަމުން އަންނަ ކަމަށެވެ. އަދި ޑިޖިޓަލް އިޤްތިޞާދީ އަމާޒަކަށް މަސައްކަތްކުރައްވާ ކަމަށާއި ރާއްޖެއަކީ އިންވެސްޓްމަންޓް ތަކަށް ފަހި މާޙައުލެއްކަމުން އިންވެސްޓަރުންނަށް އިންވެސްޓްކުރުމަށް ދަޢުވަތު ދެއްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމް ތެރެއިން/ ފޮޓޯ؛ ރައީސް އޮފީސް
"އަޅުގަނޑު މިއަދު މިތަނުގައި ހުރެގެން، ތިޔަބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކަށްވެސް، އަޅުގަނޑުމެންގެ އިޤްތިޞާދުގެ އިންތިހާއަށް ފުރުޞަތުތައް ހުޅުވާލުމުގައި، އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތް ކުރެއްވުމަށް، ދަޢުވަތު އަރުވަން. އިންޑިއާގެ އިންވެސްޓަރުންނަށް އަޅުގަނޑުމެން މަރުޙަބާ ކިޔަން." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިންވެސްޓްމަންޓްތަކަށް ރައްކާތެރި މާޙައުލެއް ކަށަވަރުކުރުމަށް ޤާނޫނީ އޮނިގަނޑަށް ގެންނެވި ބަދަލުތަކުގެ ތަފްސީލްވެސް ހިއްސާކުރެއްވިއެވެ. ޚާއްޞަކޮށް ޒަމާނީ ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނެއް އުފައްދަވާފައިވާކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށްކަމަށް ވިދާޅުވަމުން، ރައީސް ފާހަގަކުރެއްވީ އެ ސިނާޢަތް ފުޅާކުރުމާއެކު ކެޕިޓަލް މާކެޓް ފުޅާކޮށްގެން، ރާއްޖޭގެ މާލީ ދާއިރާ އިޞްލާޙު ކުރުމަށް މުހިންމު މަސައްކަތްތަކެއް ފަށްޓަވާފައިވާ ކަމަށެވެ.
އެގޮތުން އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު އުފެއްދުމާއެކު މާލީ ދާއިރާއަށް ބޮޑު ބަދަލެއް އަންނާނެކަމަށް ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް މި ކުއާޓަރުގެެ ތެރޭގައި ހިންގަން ފަށާނެކަމަށެވެ. އަދި އެއީ މި ދާއިރާއިން ހާސިލްކުރެވޭ މުހިންމު ލަނޑުދަނޑިއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މި ފޯރަމްގައި ރާއްޖެއާއި އިންޑިއާގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ފޯރަމަކީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް، އައު އިންވެސްޓްމަންޓް ފުރުޞަތުތައް ހޯދުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައި ބޭއްވުނު ފޯރަމެކެވެ.
ރައީސް ވަނީ ތިމާވެށީގެ ދާއިރާއާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހޯދަމުން އަންނަ ކުރިއެރުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ޚާއްޞަކޮށް ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމާއެކު އިޔާދަކުރަނިވި ހަކަތައިގެ ނިސްބަތް 33%ގެ އަމާޒަށް ވާސިލްވުމަށް ކުރައްވާ މަސައްކަތް ތަފްސީލްކޮށްދެއްވިއެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ އިންޑިއާއާއި ރާއްޖޭގެ ގުޅުން އޮތީ ވަރުގަދަ ބިންގަލެއްގެ މަތީގައި ކަމަށާއި، ކުރެވޭ މަސައްކަތުގެ އަލީގައި ދެޤައުމަށްވެސް ފައިދާތަކެއް ކުރާނެކަމަށް އުންމީދު ކުރެވޭ ކަމަށެވެ.









