ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތް ނިންމައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މި މަޝްރޫޢުގެ ނިމުން އިފްތިތާހްކޮށްދެއްވީ ރައީސް މުޢިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. މި މަސައްކަތް ކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާ ޙަވާލުކޮށްގެންނެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. މިއީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ރީ-ޑިވެލޮޕްކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. އައު ރަންވޭއަކީ 2465 މީޓަރުގެ ދިގު ރަންވޭއެކެވެ. ނަމަވެސް، ފުރަތަމަ ފޭސްގައި 1200 މީޓަރުގެ ސަރަޙައްދު ތަރައްޤީކޮށް، އެ ބައި ބޭނުންކުރަން ހުޅުވާލީ މިއަހަރުގެ ޖެނުއަރީމަހުގެ 28 ވަނަ ދުވަހުއެވެ.
އައު ރަންވޭއާއެކު 250-300 މީހުން އުފުލޭ ބޮޑެތި އެއަރކްރާފްޓްތައް ޖެއްސޭނެއެވެ. މި މަޝްރޫޢަކީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. އެއަރޕޯޓް ތަރައްޤީކޮށް ނިމުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަނިމާދޫ ރަންވޭއަށް އިތުރު 700 މީޓަރު އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. މިއީ އެ ސަރަޙައްދުގެ ފަތުރުވެރިކަމަށް އިތުރުކުރެއްވުމަށް ނިންމާފައިވާ 9،000 އެނދާއެކު، އެ ބަދަލަށް ޚިދުމަތް ދެވޭވަރަށް އެއަރޕޯޓް ތަރައްޤީކުރުމަށްޓަކައެވެ.
މި މަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 737 ސައިޒުގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ޚިދުމަތް ދެވިގެން ދާނެއެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ އެއަރޕޯޓް މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް އަންނަ އަހަރަށް ނިންމުމަށެވެ.









