އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް އިންޑިއާއަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންކަރް އިހްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ނިއު ދިއްލީގައި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވިއެވެ.
އެގޮތުން، ރައީސް ޑރ. މުއިއްޒު އިއްޔެ ހަވީރު އިންޑިއާއަށް ވަޑައިގެންނެވި އިރު، މިއަދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރެއްވިއެވެ.
މިއަދު މެންދުރުފަހު ބޭއްވުނު ބައްދަލުވުމުގައި، ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ނައިބު ރައީސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ހިމެނޭ ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތީ އިންޑިއާ ސަރުކާރުން ހަމަޖައްސަވައިދެއްވި ޚާއްޞަ މަތިންދާބޯޓެއްގައެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ފާހަގަކުރެވެއެވެ.









