ހުޅުމާލޭގައި 4،000 ފްލެޓް އިމާރާތްކުރުމަށް ހިންގާ ބޮޑު މަޝްރޫއުގެ ދަށުން އިންޑިއާއިން އިމާރާތްކޮށް ނިންމާފައިވާ 700 ހައުސިން ޔުނިޓް ރަސްމީކޮށް ނިންމައި ދިވެހި ސަރުކާރާއި މިއަދު ހަވާލުކޮށްފި އެވެ. އެގްޒިމް ބޭންކް އޮފް އިންޑިއާގެ 227 މިލިއަން ޑޮލަރުގެ ސޮވަރިން ގެރެންޓީއެއްގެ ދަށުން ފެށި މި މަޝްރޫއުގެ ދަށުން ނިންމި މި ހައުސިން ޔުނިޓުތައް ދިވެހި ސަރުކާރާއި ހަވާލުކުރީ އިންޑިއާގެ ސަރުކާރުގެ ދައުވަތަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެތެރެއިން މިއަދު އިންޑިއާގައި އޮތް ހާއްސަ ރަސްމިއްޔާތުގައެވެ.
މި ޓަވަރުތަކުގައި 2 ކޮޓަރީގެ ޔުނިޓާއި 3 ކޮޓަރީގެ ޔުނިޓްތައް ހިމެނޭއިރު، 32 ޓަވަރުގެ ތެރެއިން 16 ޓަވަރު މިހާރު ވަނީ ސްޓްރަކްޗަރަލް ގޮތުން ނިމިފައެވެ. މި ޓަވަރުތައް ބަލަހައްޓާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފައިވަނީ އެންބީސީސީ އާއި ކޭޕީއައިއެލް ގުޅިގެން ތަރައްގީ ކުރަމުން އަންނަނީ އަމާން އުދަރެސް އާއި އަމާން ދޯދީގެ ނަން ދީފައިވާ ޓަވަރުތަކެވެ.








