އިންޑިއާއާ އެކުގައި މަސައްކަތް ކުރާނީ ދެ ޤައުމަށް ފައިދާހުރި މުސްތަޤްބަލެއް ބިނާކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު މިއަދު މެންދުރު ފަހު ބޭއްވި ބައްދަލުވުމަށްފަހު އެމަނިކުފާނު އިއްވެވި ބަޔާނުގައި ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މަތީގައި، ދެ ޤައުމުގެ ތަރައްޤީއާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާގެ ހަޤީޤީ އެކުވެރިއެއްގެ ގޮތުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
ރައީސް ވަނީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން ދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
އިންޑިއާއަކީ ރާއްޖޭގެ އިޖްތިމާޢީ އަދި އުމްރާނީ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދެ ޤައުމުގެ މުސްތަޤްބަލް ބައްޓަންކުރާނެ މަގުޗާޓަކާއެކު މޯދީއާއެކު މިއަދު މަޝްވަރާކުރެވި އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން ތަރައްޤީ އާއި ވިޔަފާރި އަދި އިޤްތިޞާދީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން ޑިޖިޓަލް ދާއިރާއާއި މާލީ ދާއިރާއާއި ހަކަތައާއި ބެހޭ މަޝްރޫޢުތަކާއި ޞިއްޙީ ދާއިރާ އަދި ކަނޑުތައް ހިމާޔަތްކުރުމާއި ސަލާމަތީ ގޮތުން ގުޅިގެން މަސައްކަތް ކުރުން ހިމެނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސަރަޙައްދީ ތަރައްޤީއާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާގެ ހަޤީޤީ އެކުވެރިއެއްގެ ގޮތުގައި ރާއްޖެ ދެމިއޮންނާނެ ކަމަށެވެ. އަދި ދެ ޤައުމު ގުޅިގެން ކުރެވޭ މަސައްކަތުން ދެ ޤައުމަށްވެސް ފާގަތި މުސްތަޤްބަލެއް ކަށަވަރު ކުރެވޭނެކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ބަޔާން ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އިންޑިއާއާއި ރާއްޖެ އާ ދެމެދު ގުޅުން ޤާއިމް ކުރިތާ 60 އަހަރު އަންނަ އަހަރު ފުރޭކަން ފާހަގަ ކުރައްވައި، އެކަން ފާހަގަ ކުރުމަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް މޯދީއަށް ދަޢުވަތު ދެއްވާފައެވެ.









