އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މޯލްޑިވްސް ފަސްޓް ޕޮލިސީގެ ޝިއާރާއެކު ބޮޑެތި ބައެއް އެއްބަސްވުންތަކުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރައްވައި، ދެގައުމުގެ ދެމެދުގައި މުހިއްމު މާލީ އެއްބާރުލުން ދިނުމުގެ ދޮރެއް ވެސް މިވަނީ ހުޅުވިފައެވެ.
މި ކަރަންސީ ސްވޮޕްގެ ސަބަބުން ދިވެހިރާއްޖެއަށް މުހިއްމު ދެ ކަރަންސީ ވިންޑޯ ކަމަށްވާ އެމެރިކާ ޑޮލަރު ނުވަތަ ޔޫރޯ އަދި އިންޑިއާގެ ފައިސާ ވެސް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެއީ އެމެރިކާ ޑޮލަރާއި ޔޫރޯ ވިންޑޯ މެދުވެރިކޮށް ކުރު މުއްދަތުގެ ބޭރު ފައިސާގެ ބޭނުންތައް ފުއްދުމުގެ ފަސޭހަކަން ދިވެހިރާއްކެއަށް ލިބޭއިރު، އިންޑިއާ ރުފިޔާގެ ސްވޮޕްގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ދެގައުމުގެ ވިޔަފާރީގެ މުއާމަލާތްތައް އިތުރަށް ފަސޭހަވެގެންދާނެ އެވެ.
400 މިލިއަން ޑޮލަރުގެ ސްވޮޕް އަކީ މިހާރު ދުނިޔޭގެ ގިނަ ބާރުތައް އުފެއްދުމަށް ކުރެވެމުންދާ ޖިއޯޕޮލިޓިކްސްގެ މަސައްކަތުގެ ތެރެއިން ހިނގަމުންދާ ކޯޅުންތަކާއި ތެލުގެ އަގު ބޮޑުވުން ފަދަ ދުނިޔޭގެ ގޮންޖެހުންތަކާ ގުޅިގެން ބޭރު ފައިސާގެ ބޭނުންތަކަށް ހައްލެއް ހޯދައިދޭ މުހިންމު އެއްބަސްވުމެކެވެ. ދިވެހިރާއްޖެއިން މީގެ ކުރިން 700 މިލިއަން ޑޮލަރުގެ ސްވޮޕް ބޭނުންކޮށްފައިވާއިރު، މިއީ ގައުމުގެ މާލީ ރިޒާވް ބެލެހެއްޓުމަށް ވަރަށް މުހިންމު ސްވޮޕްތަކެކެވެ.
މި އެއްބަސްވުމަކީ ބޭރު ފައިސާގެ އިތުބާރު ހުރި މަސްދަރެއް ހޯދައިދީ، ދިވެހިރާއްޖޭގެ މާލީ ހަމަޖެހުން ވަރަށް ބޮޑަށް ހަރުދަނާވާނެ އެއްބަސްވުމެކެވެ. އަދި ދިވެހި ފައިސާއިން މުއާމަލާތް ކުރުމުގެ ހުއްދަ ދީ، އެމެރިކާ ޑޮލަރަށް ބަރޯސާވުން ކުޑަވެ، އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ދެގައުމުގެ ވިޔަފާރި އޮމާން ކުރުމަށް މަގުފަހިވެގެންދާނެ އެވެ.
ރައީސް މުޢިއްޒުގެ މި އިސްނެންގެވުމުގެ ސަބަބުން، އިދިކޮޅު ފަރާތްތަކުން އޭރުގައި ބުނަމުން ދިޔަ އިގްތިސާދީ ދަތި ހާލަތު ރާއްޖެއަށް މެދުވެރިނުވާނެކަން އެފަރާތްތަކުން ވެސް މިހާރު ޤަބޫލު ކުރާއިރު، މިސްވޮޕްގެ ސަބަބުން ދެގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކޮށް، އިގްތިސާދީ ކުރިއެރުމުގެ ހަރުދަނާ ބިންގާއެއް ބިނާކޮށްދޭނެއެވެ.









