ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގައި އާ ރަންވޭ އެއް ހެދުމަށާއި، އެކި ދާއިރާތަކުން ފަންނީ ތަމްރީނު ހޯދުން ފަދަ ރައްޔިތުންނާއި ގުޅުން ހުރި މުހިންމު އެއްބަސްވުންތައް އިންޑިއާއާ ރާއްޖެއާ ދެމެދު ބަދަލުކޮށްފިއެވެ.
މި އެއްބަސްވުންތައް ބަދަލުކުރައްވާފައިވަނީ އިންޑިއާގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު ބޭއްވެވި ހައި ޕްރޮފައިލް ބައްދަލުވުމުގައެވެ.
މި އެއްބަސްވުންތަކަކީ ދެ ޤައުމުގެ މެދުގައި އޮތް ވަރުގަދަ ޑިޕްލޮމެޓިކް އަދި އިޤްތިސާދީ ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން ބަދަލު ކުރެވުނު އެއްބަސްވުން ތަކެކެވެ.
މުހިއްމު ބައެއް އެއްބަސްވުންތައް:
- ދިވެހިރާއްޖެއާއި އިންޑިއާއާއިދެމެދު ކަރަންސީ ސްވޮޕްގެ އެއްބަސްވުމެއް.
- ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ރަންވޭ އެއް ހެދުން.
ރާއްޖޭގެ މަނިޓަރީ އޮތޯރިޓީ އާއި ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ހިމެނޭ ގޮތަށް މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރިއިރު، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް ޝަރުޢީ ޚިދުމަތްތައް އިތުރުކުރުމަށް ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންއާ ދެމެދު އެމްއޯޔޫތަކުގައި ސޮއިކުރުމުގެ އިތުރުން ރާއްޖޭގެ ޖުޑިޝަރީ ދާއިރާއިން 200 ބޭފުޅުންނަށް ޝަރުއީ ތަމްރީނު ޕްރޮގްރާމްތައް ހިންގުންވެސް ހިމެނެއެވެ.
މީގެ އިތުރުން ޤާނޫނު ތަންފީޒުކުރުމާއި، ޒުވާނުންގެ ކުޅިވަރު ތަރައްޤީކުރުމުގައި އެއްބާރުލުން ދިނުމަށްވެސް އިންޑިއާއިން ވަނީ ރާއްޖެއަށް އެހީތެރިކަން ދިނުމަށް ނިންމާފައެވެ.









