ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ހައިދަރުއާބާދު ހައުސްގައެވެ.
ރައީސް މުޢިއްޒު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ވަޑައިގަތުމުން ބޮޑުވަޒީރު މޯދީ ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ރައީސް މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވަނީ އިންޑިއާއަށް ކުރައްވާ ތާރީޚީ ދަޢުލަތުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވެވުމުގެ އިތުރުން، މުހިންމު ދާއިރާތަކަކުން އެއްބަސްވުންތައް އެކުލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުކުރެއްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހަހިކޮށް، ސަރަޙައްދީ ތަރައްޤީއަށް މަގުފަހިކުރާނެ މުހިންމު ބައްދަލުކުރެއްވުމެއް ކަމުގައި ސަރުކާރުގެ އިސް ވެރިން ވިދާޅުވެއެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.









