ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިންޑިއާގެ ރިޔާސީ ގަނޑުވަރަށް ވަޑައިގަންނަވަން ދަތުރުފުޅު ފަށްޓަވައިފިއެވެ. އެމަނިކުފާނަށް މަރުޙަބާ ދަންނަވާނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު އަށް އިޙްތިރާމް އަދާކުރެއްވުމުގެ ގޮތުން 21 ބަޑީގެ ސަލާމެއް އަރުވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއަދުގެ ބައްދަލުވުންތަކުން ވަރަށް މުހިއްމު މަޝްވަރާ ތަކާއި އެއްބަސްވުންތަކުގައި ސޮއި ކުރައްވާނެ ކަމަށް ބެލެވެއެވެ.
އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެހުމާންދާރީގެ ހުރިހާ ކަމެއް ހަމަޖައްސަވަނީ އިންޑިއާ ސަރުކާރުންނެވެ.









