ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-2 އިން މޮޅުވެ ބްރައިޓަން ވަނީ ހަތް މެޗުން ލިބުނު 12 ޕޮއިންޓާއެކު ޕްރިމިއާ ލީގު ތާވަލުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. މެޗުގެ 23 ވަނަ މިނެޓްގައި ޓޮޓެންހަމްގެ ބްރެނާން ޖޯންސަން ގޯލެއް ޖަހާފައި ވާއިރު، އޭގެ މާގިނައިރުތަކެއް ނުވެ ޖޭމްސް މެޑިސަން ވަނީ އިތުރު ގޯލެއް ޖަހާފައެވެ. ނަމަވެސް ބްރައިޓަން އިން ކުޅުން ރަނގަޅުކޮށް، ދެވަނަ ހާފުގެ ތިން ވަނަ މިނެޓުގައި ޔަންކުބާ މިންޓޭ ވަނީ ލަނޑެއް ޖަހާފައެވެ. މިއީ އޭނާ ބްރައިޓަންއާ ގުޅުނު ފަހުން ޖެހި ފުރަތަމަ ގޯލެވެ. 

މި މެޗުގައި ބްރައިޓަން އިން އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ 58 ވަނަ މިނިޓުގައި މިޓޯމާ ދިން ބޯޅައަކުން ޖިއޮޖީނިއޯ ރަޓާރ އެވެ. 

އެއަށްފަހު މެޗުގެ 66 ވަނަ މިނެޓްގައި ޑެނީ ވެލްބެކް ބޮލުން ލަނޑެއް ކާމިޔާބުކޮށް ފަހަތުން އަރައި މޮޅުވެ 3 ޕޮއިންޓް ކަށަވަރު ކުރިއެވެ. މިއާއެކު ޓޮޓެންހަމަށް އެއްވަރު ނުކުރެވި، ތާވަލުގެ ނުވަ ވަނަ އަށް ވެއްޓުނީއެވެ.