ފުލަމް އިން ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް އަތުން 3-2 އިން މޮޅުވެ، ރެޑްސްގެ 26 މެޗުން ބަލިނުވެ އޮތް ރެކޯޑް ހުއްޓުމަކަށް ގެނެސްފިއެވެ.
ލިވަޕޫލުން ފެށި ވަރުގަދަކޮށެވެ. 14 ވަނަ މިނެޓުގައި އެލެކްސިސް މެކް އެލިސްޓާ ގޯލު ޖެހިނަމަވެސް ދެން ފެނުނީ ލިވަޕޫލްގެ ޑިފެންސަށް ފުލަމްގެ ކުޅުންތެރިން ނުހިފެހެއްޓިގެން އުޅުނު މަންޒަރެވެ.
ނުވަ މިނެޓްފަހުން، (23 ވަނަ މިނެޓުގައި) ކަރޓިސް ޖޯންސްގެ ކްލިއަރެންސް ނާކާމިޔާބުވުމުން ރަޔަން ސެސެގްނޯން ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެ 9 މިނެޓް ފަހުން (32 ވަނަ މިނެޓުގައި) އަނެއްކާ އެލެކްސް އިވޯބީ ވަނީ އެންޑީ ރޮބަޓްސަނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ފުލަމް އަށް ލީޑު ނަގައިދީފަ އެވެ. ދެން ފެނުނީ އޭގެ ފަސްމިނެޓް ފަހުން ރޮޑްރިގޯ މިއުނީޒް ލަނޑު ޖަހައިދީ ލިވަޕޫލްގެ ޑިފެންސް އިތުރަށް ހާސްކޮށްލި މަންޒަރެވެ.
ލިވަޕޫލަށް ދެވަނަ ގޯލެއް ޖެހުނީ 72 ވަނަ މިނެޓުގައެވެ. ލުއިސް ޑިއާޒް ޖެހި ގޯލާއިއެކު ޕްރެޝަރު ބޮޑުވި ނަމަވެސް ލިވަޕޫލަށް އެއްވަރުކޮށްދޭނެ ކުޅުންތެރިއެއް ނުފެނުނެވެ.
މި މެޗުން ބަލިވިޔަސް، އާސެނަލް އަށްވުރެ 11 ޕޮއިންޓް ކުރީގައި ލިވަޕޫލް އޮތްއިރު، ޗެމްޕިއަންކަން ހޯދުމަށް އިތުރު 11 ޕޮއިންޓް ބޭނުންވެއެވެ.
ފުލަމްގެ މި މޮޅާއެކު އެޓީމު ވަނީ ޔޫރަޕްގެ ކޮލިފިކޭޝަންގެ އަތްފޯރާފަށަށް (އަށް ވަނަ އަށް) ޖެހިލާފައެވެ.