ރައީސް ޑރ.މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަން އިއުލާން ކުރައްވައިފިއެވެ. އެމަނިކުފާނު މި ޕްލޭންތައް ހާމަކުރެއްވީ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ފައިދާތަކެއް ފޯރުކޮށްދިނުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުންނެވެ. "އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި އޭގެ ނަތީޖާއާއި ފޮނިކަން އަޅުގަނޑުމެންނަށް ފެނިގެންދާނެ،" ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ. 

ރައީސް ދެއްވެވި މި މެސެޖުގެ ސަބަބުން ސަޕްރައިޒް ކަންތައްތަކެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ. ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނަން އުޅޭ ކަމުގެ ކޮޅުމަތި ފެންނާނެ ކަމަށް ބެލެވެއެވެ. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މިދަތުރުފުޅުގެ މަޤްޞަދަކީ، ދިވެހި ރައްޔިތުންނަށް ފައިދާ ފޯރުކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމެވެ. ރާއްޖެ ފަސްޓް ޕޮލިސީ ދަމަހައްޓަވައި ، އިންޑިއާ އަކީ މުހިއްމު އަދި ގާތް ބައިވެރިއެއް ކަމަށް ދެކެވަޑައިގެން ، ސަރަހައްދީ ހަމަޖެހުމަށް ރައީސް މުއިއްޒު ވަކާލާތު ކުރައްވަނީ އެމަނިކުފާނުގެ "ޕްރޯ-މޯލްޑިވްސް" ގެ ސިޔާސަތުގެ ތެރެއިންނެވެ.