
ދިވެހި ޚާރިޖިއްޔާއާއި ބޭރުޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނާ އޮންނަ ގުޅުން ބަދަހިކޮށް، ފޯރުކޮށްދޭ ޚިދުމަތްތައް ފުުޅާކުރައްވާނެކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޚަލީލް މިހެން ވިދާޅުވީ ޚާރިޖީ ވަޒީރުގެ މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިހުގައި އިންޑިއާއަށް ވަޑައިގެން ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ވަނީ އިންޑިއާއަކީ ދިވެހިންނާއި ގާތްގުޅުމެއް އޮންނަ ޤައުމެއްކަން ފާހަގަކުރައްވައި ބޭސްފަރުވާއާއި ތަޢުލީމާއި ވިޔަފާރީގެ ގޮތުން އެޤައުމާއެކު ބަދަހި ގުޅުމެއް އުފެދިފައިވާކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ޢާއިލާތައް ރާއްޖެއިން ބޭރުގައިއުޅޭއިރު ޚާއްޞަ ސިފައަކަށް ވާންވާނީ، ދިވެހި ސިފަތައް އިސްކުރުން ކަމަށާއި، ޚާއްޞަކޮށް އިސްލާމީ ތަރުބިއްޔަތާއި ސަގާފަތް ނަގަހައްޓަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުން އުޅޭ ޤައުމުތަކުގައި އެމްބަސީ ނުވަތަ ކޮންސުލަރ ޚިދުމަތަކީ ވީހާވެސް ފަސޭހައިން ލިބޭ ޚިދުމަތަކަށް ހެދުމަށް ރައީސް ވަރަށް ބޮޑަށް ބާރުއަޅުއްވާ. ޚާއްޞަކޮށް ރާއްޖެ ރެޕްރެޒެންޓުކުރާ އޮފީސްތަކަކީ ދިވެހިންނާއި ވަރަށް ކައިރިން މަސައްކަތްކުރާ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށް ހެދުމަށް ރައީސް ތަކުރާރުކޮށް ހަނދާންކޮށްދެއްވާ" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ ދިވެހިންނާއި ޚާރިޖިއްޔާއާއި ދިވެހި އެމްބަސީތަކާއި މިހާރު އޮންނަ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކޮށްދޭން ކުރަންޖެހޭ މަސައްކަތް ގިނަކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސް ކުރައްވާ މަސައްކަތްޕުޅުން ނިއުދިއްލީގައި އުޅޭ ރައްޔިތުނަށް ފަސޭހައާއި ފާގަތިކަން ލިބޭނެކަމަށާއި ދިވެހި ޚާރިޖިއްޔާއާއި އެމްބަސީގެ ފަރާތުން ރައްޔިތުންނާއި ގާތް ގުޅުން ބާއްވަން ކުރަންޖެހޭ މަސައްކަތް އިތުރު ކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކެއް ހިއްސާކުރިއެވެ. މީގެ ތެރޭގައި ވިސާގެ މައްސަލަތަކާއި، ބޭސްފަރުވާއާ ގުޅޭ ދަތިތަކާއި، ތަޢުލީމީ ފުރުސަތުތަކާ ގުޅޭ ކަންކަން ހިމެނެއެވެ. މި ކަންކަމަށް ޙައްލު ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ޚާރިޖީ ވަޒީރު ދެއްވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވީހާވެސް ފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުން. އެކަމަށްޓަކައި ދެ ޤައުމުގެ ސަރުކާރުތަކާއެކު މަޝްވަރާކޮށް، އަވަސް ޙައްލުތަކެއް ހޯދުމަށް މަސައްކަތްކުރާނަން," ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ބޭރުގައި ދިރިއުޅޭ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ. މި ދަތުރުފުޅުގައި ވަޒީރު އިންޑިއާގެ އިސް ވެރިންނާވެސް ބައްދަލުކުރައްވާ، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.









