ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު، އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ފަދަ ފިޔަވަޅުތައް ނާޅާނެ ކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރަށް ދެއްވައިފިއެވެ. ޓައިމްސް އޮފް އިންޑިއާ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއިން ޗައިނާ ހިމެނޭ ގޮތަށް އެހެން ގައުމުތަކާ އެކު ޕާޓްނަޝިޕްތައް ބިނާކުރަމުންދާއިރު، އިންޑިއާގެ ސަލާމަތީ މަސްލަހަތަކީ އެންމެ އިސްކަމެއްދޭ ކަމެއް ކަމަށް ވިދާޅުވި ކަމަށް އެނޫހުން ރިޕޯޓް ކުރެއެވެ.
އެމަނިކުފާނުގެ ވެރިކަމަކީ ސަރަހައްދީ ހަމަޖެހުން ގާއިމްކޮށް، ދެ ގައުމުގެ މެދުގައި އޮންނަ ތާރީހީ ގުޅުން ބަދަހި ކުރުމަށް ވައުދުވެފައިވާ ވެރިކަމެއް ކަމަށް ވެސް ރައީސުލް ޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ނޫހަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވެފައެވެ.
ރައީސް ޑރ.މުއިއްޒު ވަނީ އިންޑިއާ އަކީ "ވެލިއުޑް ޕާޓްނަރ އެންޑް ފްރެންޑް" އެއްގެ ގޮތުގައި ތައުރީފު ކުރައްވައި، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމަކީ ދެފަރާތުގެ އިހުތިރާމާއި ހިއްސާކުރެވޭ އަގުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އަވަށްޓެރި ގައުމުތަކާ އެކު ވަރުގަދަ ގުޅުންތަކެއް ބާއްވައިގެން ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭ އެމަނިކުފާނުގެ ވެރިކަމަށް މަގުދައްކާ އުސޫލެއް ކަމަށްވާ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ވެސް ރައީސް ވަނީ ތކުރާރު ކުރައްވާފައެވެ.
ރައީސް ޑރ.މުއިއްޒު ވަނީ ދިފާއީ އެއްބާރުލުމާއި ސަރަހައްދީ ސަލާމަތުގައި ޚާއްސަކޮށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ މުހިންމު ދައުރު ގަބޫލުކުރައްވައި، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދެގައުމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އިންޑިއާ-އައުޓް ކެމްޕޭނާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއީ ދިވެހި ރައްޔިތުންގެ އިހުތިޔާރަށް ރައްދު ދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށާއި ނަމަވެސް އެއީ އިންޑިއާއާ އެކު ދިފާއީ އެއްބާރުލުން ކެނޑިފައިވާ ކަމުގެ އިޝާރާތެއް ނޫން ކަމަށެވެ. އިގްތިސާދީ ކަންކަމުގައި އެމަނިކުފާނު ވަނީ ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް ފަދަ ތަރައްގީގެ އެހީތަކާއި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ ތެރެއިން އިންޑިއާއިން މިހާރު ދެމުންދާ އެއްބާރުލުމާ މެދު ހިތްހަމަޖެހުން ފާޅުކުރައްވާފަ އެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތައް ހައްލުކުރުމަށް އެހީތެރިވުމަށް އިތުރު މާލީ އެއްބާރުލުން ދިނުމަށް ރައީސް އިޝާރާތް ކުރެއްވި އެވެ.
ޗައިނާއާ އެކު ރާއްޖޭގެ ގުޅުން ބޮޑުވަމުންދާތީ އިންޑިއާގެ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ރައީސް ޑރ.މުއިއްޒު ވަނީ އެފަދަ ގުޅުންތަކުގެ ސަބަބުން އިންޑިއާގެ ސަލާމަތަށް ބުރޫނާރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ވިދާޅުވީ ރާއްޖެއިން ބައިނަލްއަގްވާމީ ގުޅުންތައް ދަމަހައްޓާއިރު، އިގްތިސާދީ އަދި ދިފާއީ ކަންކަމުގައި އިންޑިއާއަކީ މަރުކަޒީ އަދި އިތުބާރު ކުރެވޭ އެކުވެރިއެއްގެ ގޮތުގައި ދެމިއޮންނަ ކަމަށެވެ.









