
ރައީސްގެ ދެކަނބަލުން އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފި/ ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން އިންޑިޔާގެ ވެރިރަށް ނިއުދިއްލީއަށް ވަޑައިގެންފިއެވެ. މިއީ އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.
ރައީސް މުޢިއްޒުގެ އަރިހުގައި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މީގެ ތެރޭގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން، ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް، ހޯމް މިނިސްޓަރު ޢަލީ އިޙްސާން އަދި އެހެނިހެން ވަޒީރުން ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ބައެއް މީޑިޔާތައް ވެސް މި ދަތުރުފުޅުގައި ބައިވެރިވެފައި ވެއެވެ.
ރައީސް މުޢިއްޒު ފުރާވަޑައިގަތީ އިންޑިޔާގެ ސަރުކާރުން ހަމަޖައްސައިދެއްވި ޚާއްޞަ މަތިންދާބޯޓެއްގައެވެ. މި ދަތުރުފުޅު ކުރިއަށްދާނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ރައީސްގެ ދެކަނބަލުން އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފި/ ފޮޓޯ: ރައީސް އޮފީސް
ދަތުރުފުޅުގެ ތެރޭގައި ރައީސް މުޢިއްޒު، އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫ އަދި ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލު ކުރައްވާނެއެވެ. މީގެ އިތުރުން އެ ޤައުމުގެ އެހެނިހެން އިސްވެރިންނާއި ވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް މުޢިއްޒަށް ރަސްމީކޮށް މަރުޙަބާ ދެންނެވުން އޮންނާނީ މާދަމާ ހެނދުނުއެވެ. ނަމަވެސް މިއަދު ހަވީރު އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުއާ ބައްދަލު ކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ނިއުދިއްލީގެ އިތުރުން މުމްބާއީ އަދި ބެންގަލޫރަށްވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް މުޢިއްޒުގެ މި ދަތުރުފުޅާ ގުޅިގެން ނިއުދިއްލީގައި ދިވެހި ޤައުމީ ދިދައާއި އިންޑިޔާގެ ޤައުމީ ދިދަ ޖަހައި ޒީނަތްތެރި ކޮށްފައިވާކަން ފާހަގަކުރެވެއެވެ.









