ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އާއި ފަސްޓް ލޭޑީ މެޑަމް ސާޖިދާ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަވަށްޓެރި ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މިދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ކުރީ ސަރުކާރުން ގިނަ އަދަކަށް ފައިސާ ޗާޕުކޮށް، ބޮޑެތި ލޯނުތައް ނަގައިގެން އެ ލޯނުތައް ހަމައެކަނި ރިކަރަންޓު ހަރަދުތައް ފޫބައްދަން ބޭނުން ކުރުމުގެ ސަބަބުން ރާއްޖެއަށް އިގްތިސާދީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ފޮރިން ރިޒާވް ދަށްވުމާއި ދަރަނީގެ ކަންބޮޑުވުންތައް ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން ރައީސުލް ޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ވަރަށް މުހިންމު ދަތުރުފުޅެކެވެ.
ބީބީސީއަށް އެމަނިކުފާނު ދެއްވި އިންތަވިއުގައި ވިދާޅުވެފައިވަނީ އިންޑީއާއަށް ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ، އިންޑިއާ އާއި ގުޅިގެން ރާއްޖެ އަށް ހައްލު ނުކުރެވޭނެ ކަމެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި މާލީ ދަތިކަމުން އަރައިގަތުމަށް އިންޑިއާގެ އެހީ ލިބޭނެ ކަމަށް ވެސް ބީބީސީއަށް ދެއްވި އިންޓަވިއުގައި ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ރައީސްގެ މި ދަތުރުފުޅުގައި ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަށް އިންޑިއާއިން ފައިނޭންޝަލް ސަޕޯޓް ލިބޭނެ ކަމަށް ބެލެވެއެވެ.









