ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެމްބަރުންގެ ޢަދަދު 60,000 އަށް އަރާފައިވާކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް އިއްޔެ ހުޅުމާލޭގައި ބޭއްވި ހަރަކާތަކަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސް ނަންގަވައިގެން އެމަނިކުފާނުގެ ލަފާފުޅާއި އިރުޝާދާއި އެކު ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށެވެ. އަދި މިކަމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވަނީ މަޖިލީހުގެ މެމްބަރުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީއެންސީގެ ލީޑަރޝިޕުން މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ އެ ޕާޓީން މިހާރު ތައްޔާރުވަމުން އަންނަނީ ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވޭނެ ޕާޓީއެއްގެ އެތެރޭގެ އެންމެ ބޮޑު އިންތިޚާބަށް ކަމަށާއި އެ ޕާޓީ ވެގެންދާނީ މި އަހަރުގެ ނޮވްމްބަރު މަހުގެ ނިޔަލަށް މުޅި ދިވެހިރާއްޖޭގައި ވެސް އެންމެ ބޮޑު ޕާޓީއަށް ކަމަށެވެ.
އެގޮތުން ނޮވެމްބަރުގެ ނިޔަލަށް ޕީއެންސީއަކީ 75,000 މެމްބަރުން ހިމެނޭ ޕާޓީއަކަށް ހެދުމަށްޓަކައި މަސައްކަތް ކުރަމުން އަންނައިރު، ރާއްޖޭގައި އޮންނަ އެންމެ ބޮޑު ޕާޓީއަށް އެ ޕާޓީ ވެގެންދާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.
އެކަމާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވީ އެ އަމާޒަށް ދެވޭނެކަމާ މެދުގައި އެއްވެސް ސުވާލެއް ނެތް ކަމަށާއި، މި އަހަރުގެ ނޮވެމްބަރު މަހުގެ މެދަކާ ހަމައަށް ދާއިރު ޕީއެންސީ ވެގެންދާނީ 75,000 މެމްބަރުން ތިބި، ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެއްވެސް ސިޔާސީ ޕާޓީއަކަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ މެމްބަރުން ވަދެފައި ނުވާ ކަމަށާއި މި ކާމިޔާބީގެ ސިއްރަކީ ރައީސް މުޢިއްޒު ޤައުމާއި ދޭތެރޭ ގެންގުޅުއްވާ ތަސައްވުރާއި ރައްޔިތުންނާއި ގާތުން ކުރާ މަސައްކަތް ކަމަށެވެ.
އަބްދުއްރަހީމް ވަނީ ޕީއެންސީގެ މެމްބަރުން އިތުރުކުރުމަށް ހުރިހާ އެންމެންވެސް ކުރަމުން އަންނަ މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.









