ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް މިއަދު މެންދުރު 12:00 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅު ކުރެއްވީ އެއަރފޯސް AB-321 މަތިންދާ ބޯޓެއްގައެވެ.
މި ދަތުރުފުޅަކީ އޮކްޓޫބަރު މަހުގެ 6 އިން 10 އަށް ކުރައްވާ 5 ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ރައީސާއި، ބޮޑުވަޒީރާއި އަދި އެ ޤައުމުގެ އިސް މަސްއޫލުވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށް ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާއިރު، ދިވެހި ވަފުދުގެ މެހުމާންދާރީގެ ހުރިހާ ކަމެއް ހަމަޖައްސަވައިދެއްވާނީ އިންޑިއާ ސަރުކާރުގެ ފަރާތުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހު "ކޮޕް-28" ގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާފައެވެ. އަދި މި އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު އިންޑިއާގެ އައު ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވެސް މޯދީގެ އިތުރުން ޤައުމުގެ ރައީސާވެސް ބައްދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅު ކުރައްވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކުރައްވައި، ރާއްޖޭގެ ތަރައްޤީއަށް މުހިންމު ހުރިހާ ޤައުމަކާއިވެސް ބަދަހި ގުޅުމެއް ދެމެހެއްޓެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިންނެވެ.









