އިޓަލީ ލީގުގައި 1-3 ލަނޑުން ކޯމޯ ބަލިކޮށް ނަޕޯލީއިން ޔުވެންޓަސް އާއި އޮތް ފަރަގު ބޮޑުކޮށްފިއެވެ. ވާދަވެރި ޔުވެންޓަސް ނަޕޯލީއަށްވުރެ އެއް މެޗު މަދުން ކުޅެ 13 ޕޮއިންޓް ލިބިފައިވާއިރު، ރޭ ނަޕޯލީގެ މި ލީގުގެ 7ވަނަ މެޗުގައި ފުރަތަމަ ގޯލު ހުޅުވައިދިނީ މިފަހަރު މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށް އެ ޓީމާއި ގުޅުނު ސްކޮޓްލެންޑުގެ މިޑްފިލްޑަރު ސްކޮޓް މެކްޓޮމިނޭއެވެ. މިއީ 25ވަން ސިކުންތުގައި އޭނާ ޖެހި ގޯލެކެވެ. އަދި މިއީ އޭނާ ސީރީ އޭ ގައި ޖެހި ފުރަތަމަ ގޯލު ވެސް މެއެވެ.
ނަޕޯލީގެ ދަނޑުގައި މެކްޓޮމިނޭ އިޓަލީ ލީގުގެ ފުރަތަމަ ގޯލު ޖަހައިދިންއިރު، އޭނާ ނަޕޯލީއަށް ފުރަތަމަ ގޯލު ޖަހައިދިނީ އިޓަލީ ކަޕުގައި ޕަލާމޯ ކޮޅަށެވެ.
ރޭގެ މޮޅާއެކު ނަޕޯލީ އަށް 16 ޕޮއިންޓު ލިބުނުއިރު، ދެވަނައިގައި އޮތް އުދިނޭސް އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. މި ދެޓީމު ވެސް 7 މެޗު ކުޅެފައި ވެއެވެ.
ރޭގެ މެޗުގައި ހާފް ނިމެން ދެމިނެޓަށް ވެފައި ވަނިކޮށް ކޯމޯގެ ގަބްރިއަލް ސްޓްރެފެއްޒާ އެއްވަރުކުރި ނަމަވެސް، ދެވަނަ ހާފު ފަށައިގެން 8ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލުކާކޫ ވަނީ ނަޕޯލީ އަށް ލީޑު ފުޅާކޮށްދީފައެވެ. ފަހު ލަނޑު ޖަހައިދިނީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ޑޭވިޑް ނެރެސްއެވެ.

![މި ސީޒަނުގައި މެންޗެސްޓަރ] ޔުނައިޓެޑް ދޫކޮށް އައި މެކްޓޮމިނޭ ރޭ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ](https://khulaasaa.sgp1.digitaloceanspaces.com/article_images/CVeKiWthEfPv3QZIR52auNR89dZl7JkPwjtyDtQl.jpg?X-Amz-Content-Sha256=UNSIGNED-PAYLOAD&X-Amz-Algorithm=AWS4-HMAC-SHA256&X-Amz-Credential=DO008AATUAGXPPAVHK3W%2F20261024%2Fspg1%2Fs3%2Faws4_request&X-Amz-Date=20261024T215951Z&X-Amz-SignedHeaders=host&X-Amz-Expires=3600&X-Amz-Signature=02a9c69750531572f33006fae313d45279a9d2f86ab8b8c18eb290f9bbecb886)

