ތަޢުލީމީ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޓީޗަރުން ބިނާކޮށް ކުރިއެރުމަށް ހޭދަކުރަން ޖެހޭކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އިސްލާމިކް ވޯލްޑް އެޑިއުކޭޝަނަލް، ސައިޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އިސެސްކޯ) ގެ 3 ވަނަ ތަޢުލީމީ ވަޒީރުންގެ މަހާސިންތާގައި ވާހަކަ ދައްކަވަމުންނެވެ.
މިމަހުގެ 2-3 އަށް އޮމާނުގައި ބޭއްވުނު މި މަހާސިންތާގައި ވާހަކަ ދައްކަވަމުން، ވަޒީރު ފާހަގަކުރެއްވީ 10 އަހަރުން ދަށުގެ ކުދިންގެ މެދުގައި ލިޔަން ކިޔަން ނޭނގޭ މިންވަރު (ލާނިންގ ޕަވަޓީ) ވަރަށް މަތިކަމާއި، މިކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ޓްރާންސްފޯމިންގ އެޑިއުކޭޝަން ސަމިޓުން އެކުލަވާލެވުނު މަގުޗާޓުގައި މި ގޮންޖެހުންތައް ހައްލުކުރުމަށް ތަންފީޒީ ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. އަދި އައިސެސްކޯގެ އަމާޒުތަކާއި ދިވެހި ސަރުކާރުގެ އަމާޒުތައް ދިމާވާކަންވެސް ފާހަގަކުރެއްވިއެވެ.
ތަޢުލީމީ ދާއިރާއިން ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ފަށާ ތަޢުލީމާއި ސާނަވީ ތަޢުލީމުގެ ފެންވަރުގައި ރާއްޖެއިން ހާސިލްކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، ތަޢުލީމީ ނިޒާމުގައި ފަންނިއްޔާތު ކުރިއަރުވައި، ޓީޗަރުން ބިނާކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޓީޗަރުންނަކީ ތަޢުލީމީ ނިޒާމުގެ މައިބަދަކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ ޔުނެސްކޯގެ އަންދާޒާތަކުން ދައްކާ ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް، ދުނިޔޭގެ ޤައުމުތަކަށް އިތުރު 40 މިލިއަން ޓީޗަރުން ބޭނުންވާނެ ކަމަށެވެ. އިސްލާމީ ޤައުމުތަކުގައި ޝަރުތުހަމަވާ ޓީޗަރުން މަދުކަން ފާހަގަކުރައްވައި، ޓީޗަރުން ބިނާކޮށް ކުރިއެރުވުމަށް ހޭދަކުރަން ޖެހިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ފަލަސްޠީނުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، އެ ޤައުމުގެ ދަރިވަރުންގެ ތަޢުލީމަށް އަޅަމުންދާ ހުރަސްތައް ނައްތާލައި، އެކުދިންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލެއްވިއެވެ.









