ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މާލެއިން ބިމެއް ބައްލަވައިގެންނެވި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކައަކީ "ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު ވާހަކައެއް" ކަމަށް ވިދާޅުވެ، އެ ވާހަކަ ދޮގުކުރައްވައިފިއެވެ.
ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވެފައިވަނީ "މިހާރު އަބްދުއްރަހީމްގެ ފައިސަލް ވެސް މާލެއިން ބިން ގަނެފި" ކަމަށެވެ. ނަމަވެސް މި ބިން ގަތް ތަނަކާއި އަގު ފަދަ އިތުރު މަޢުލޫމާތެއް ނުވަތަ އެކަމާ ގުޅޭ އެއްވެސް ހެއްކެއް ޔާމީން ހާމަކުރައްވާފައެއް ނުވެއެވެ.
މި ވާހަކައަށް ރައްދު ދެއްވަމުން ފައިސަލް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އޭނާ މާލެއިން ބިމެއް ގަތްކަމަށް ބުނެ ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ވާހަކައަކީ "ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު ވާހަކައެއް" ކަމަށެވެ. އަދި މިފަދަ ވާހަކަތައް ދެއްކުން ހުއްޓާލުމަށް ގޮވާލާފައެވެ.

މީގެއިތުރުން، ފައިސަލް ވަނީ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ނުކުރެއްވުމަށް ރައީސް ޔާމީނަށް ނަސޭހަތްތެރިވެފައެވެ.









