
ރާއްޖޭގެ ގެ ގައުމީ ޔޫތު ފިރިހެން ވޮލީބޯޅަ ޓީމް ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ލަންކާ އަށް ގޮސްފި އެވެ. ކޮލަމްބޯގެ ސުގަތަދާސަ އިންޑޯ ސްޓޭޑިއަމްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއަހަރުގެ ކާވާ 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ހަ ގައުމެއް ވާދަކުރާއިރު، އޭގެ ތެރޭގައި ދިވެހިރާއްޖޭ، އުޒްބެކިސްތާން، ކިރްގިސްތާން، ނޭޕާލް، އަދި ތުރުކުމެނިސްތާން ހިމެނޭއިރު ދެން ހިމެނެނީ މުބާރާތް ބާއްވާ ސްރީލަންކާ އެވެ.
ލީގުގެ އުސޫލުން ކުރިއަށް ގެންދާ މި މުބާރާތުގައި ކޮންމެ ޓީމެއް ވެސް ލީގު ސްޓޭޖުގައި ބައްދަލުކުރާނެ އެވެ. ގަދަ ދެ ޓީމު ފައިނަލަށް ދަތުރުކުރާއިރު، ތިން ވަނަ އާއި ހަތަރު ވަނައިގައި އޮތް ޓީމް ކުޅޭނީ ބްރޯންޒް މެޑަލް ހޯދުމަށެވެ.









