އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ޚިދުމަތް ހޯދުމަށް އައި ފުރަތަމަ އުޅަނދު، "ޖިއަން ޖިއޭ" (JIAN JIE) ނަމަކަށް ކިޔާ ތެޔޮ ޓޭންކަރު، އިއްޔެ ހެނދުނު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފިއެވެ.
ޕެނަމާއަށް ނިސްބަތްވާ މި ބޯޓު ދަތުރުކުރަމުންދަނީ އަބޫދާބީން ފުރައިގެން ޗައިނާއަށެވެ. އެމްޕީއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނާ ގޮތުގައި، މި ބޯޓުގެ ފަޅުވެރިން ވަނީ އުލިގަމަށް ފައިބައި، އުލިގަމުގައި ހަދާފައިވާ "ސީމަންސް ރެސްޓް އޭރިޔާ" ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.
އުލިގަމު ގިނަ ޢަދަދެއްގެ ރައްޔިތުން ނުކމެ ވަރަށް ފޯރިއާއިއެކު ބޮޑުގެ ޙަރަކާތްތައް ބާއްވައި ސީމެނުންނަށް މަރުހާބާ ކިޔާފައިވާކަން ފާހަގަ ކުރެވެއެވެ. އިއްޔެ ހުޅުވުނު "ސީމަންސް ރެސްޓް އޭރިޔާ" އަކީ އުލިގަމުގައި އެމްޕީއެލް އިން ޤާއިމްކޮށްފައިވާ އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިން އެތެރެވާ އުޅަނދުފަހަރުގެ ފަޅުވެރިންނަށް ޚާއްޞަކޮށްގެން ހަދާފައިވާ އަރާމުކޮށްލުމާއި ކުޅިވަރު ކުޅުމުގެ ވަސީލަތްތައް ހިމެނޭ ތަނެކެވެ.
އެމްޕީއެލުން ބުނި ގޮތުގައި، "ޖިއަން ޖިއޭ" އުޅަނދުން ވަނީ ޔޫ.އެމް.އެސްގެ އެކި ޚިދުމަތްތައް ހޯދުމަށް އެދިފައެވެ. މީގެ ތެރޭގައި ކްރޫ ޗޭންޖް، ފެން ސަޕްލައި، ކުނި ނައްތާލުން، ސްޕެއަރ ޕާޓްސް ހޯދުން އަދި މެއިންޓެނަންސްގެ މަސައްކަތްތައް ހިމެނެއެވެ. މި ހުރިހާ މަސައްކަތްތަކަށް ފަސް ވަރަކަށް ދުވަސް ނަގާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެމް.ޕީ.އެލްގެ ސީ.އީ.އޯ ވަޖީހް ވިދާޅުވި ގޮތުގައި، މި އުޅަނދު އިހަވަންދިއްޕޮޅުގައި މަޑުކުރާ ދުވަސްވަރު އެ ސަރަހައްދުގެ ރައްޔިތުންނަށް ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. އަދި މިއީ މެރިޓައިމް ދާއިރާގެ ތަރައްޤީއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އުތުރުގައި މެރިޓައިމްގެ ޚިދުމަތްތައް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، މެރިޓައިމް ދާއިރާއިން އިޤްތިޞާދަށް އިތުރު މަންފާ ހޯދުމަށް ފެށި މަސައްކަތެކެވެ.
"ޖިއަން ޖިއޭ" ތެޔޮ ޓޭންކަރުގެ ކެޕްޓަން ވަނީ އިހަވަންދިއްޕޮޅުން ލިބުނު މެހެމާންދާރީއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ބުނެފައެވެ. އޭނާ ބުނި ގޮތުގައި، 20 އަހަރުގެ ކެރިއަރުގައި މިފަދަ ފުރިހަމަ މެހެމާންދާރީއެއް ދުވަހަކުވެސް ތަޖުރިބާ ނުކުރެވެއެވެ.
ކްރޫ ޗޭންޖްގެ ތެރެއިން މިހާރު އުޅަނދުގައި ތިބި 9 ފަޅުވެރިން ރާއްޖެއިން ފުރުވާލައި، އައު 6 ފަޅުވެރިން ވައިގެ މަގުން ހއ. އަތޮޅަށް ގެނެސް އުޅަނދަށް އެރުވުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޕީއެލުން ހާމަކުރެއެވެ.
ވަޖީހް ވިދާޅުވި ގޮތުގައި، މި ކާމިޔާބު ފެށުމަކީ ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިފަދަ ޚިދުމަތްތައް ތަޢާރަފްކުރުމުން ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުންތަކެއް ލިބި، ވަޒީފާގެ އިތުރު ފުރުޞަތުތައް އުފެދިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
އެގޮތުން، ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ޔޫ.އެމް.އެސްގެ ހުރިހާ ޚިދުމަތްތަކެއްގެ މަޢުލޫމާތު އެއްތަނަކުން ފޯރުކޮށްދިނުމަށް ވެބްސައިޓެއް ވަނީ ތަޢާރަފްކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ޚިދުމަތްތަކަށް އެދުމާއި، އަގުތައް ބެލުމާއި، އަދި އެހެނިހެން މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.