މާލޭގެ އާސަހަރާ މިސްކިތާއި ހިނަވާގެ ބައި ބޮޑުކޮށް މަރާމާތު ކުރުމަށްފަހު މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި މަޝްރޫޢަކީ ކުރީގެ މާލެ ސިޓީ ކައުންސިލްގެ މޭޔަރު، އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރާ އެއްގޮތަށް، އާސަހަރާގެ ޚިދުމަތް ހޯދާ ރައްޔިތުންނަށް ލުއިފަސޭހަ، ހިތްހަމަޖެހޭ އަދި ތަނަވަސް މާހަޢުލެއް ހޯދައިދިނުމަށް ފެށި މުހިންމު މަސައްކަތެކެވެ.
މަރާމާތު ކުރުމަށްފަހު މިސްކިތުގެ ޖާގަ ބޮޑުކޮށް، ދެ ފަންގިފިލާގައި އޭސީ ކުރެވި، ނަމާދުކުރެވޭ ގޮތަށް ވަނީ ހަދާފައެވެ. އަދި މައްޗަށް ނޭރޭ އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން ނަމާދުކުރެވޭ ޖާގަ ތިރީ ބައިގައި ވަނީ ތައްޔާރުކޮށްފައެވެ.
މީގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަކި ފާޚާނާއެއް އަދި އާންމުންނަށް ވަކި ފާޚާނާއެއް ވަނީ ހަދާފައެވެ. އަދި ސަހަރާގައި މަޑުކޮށްގެން ތިބޭ ފަރާތްތަކަށް ޚާއްޞަ ވެއިޓިންގ އޭރިއާއެއް އޭސީ ކުރެވި، ފުރަތަމަ ފަންގިފިލާގައި ވަނީ ތައްޔާރުކޮށްފައެވެ.
ސިޓީ ކައުންސިލުން ބުނީ މައްޔިތާ ހިނެވުމަށް ޚާއްޞަ 3 ތަނެއް މިހާރު ހުންނާނެ ކަމަށާއި އޭގެ އިތުރުން ބޭރުގައި މަޑުކޮށްގެން ތިބޭ ފަރާތްތަކަށް ފިނިވާނެ ގޮތަށް ފަންކާ ލެވި، ގޮނޑި ބަހައްޓާފައި ހުންނާނެ ކަމަށެވެ.
ސަހަރާ މަގުގެ ޖާގަ ތަނަވަސްކޮށް، މިސްކިތަށް އަންނަ ފަރާތްތަކަށް ޚާއްޞަކުރެވިފައިވާ ސައިކަލް ޒޯނެއް ވަނީ ފާހަގަކޮށް ކުރަހާފައެވެ. އަދި ތަނުގެ މުވައްޒަފުންނަށް ޚާއްޞަކޮށް، އަންހެން އަދި ފިރިހެން ޖަމާޢަތްތެރިންނަށް މަޑުކޮށްލައިގެން ތިބެވޭނެ ވަކި ކޮޓަރިތަކެއް ވެސް ވަނީ ހަދާފައެވެ.
މި މަޝްރޫޢުގެ ސަބަބުން އާސަހަރާ މިސްކިތުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގެންދާނެއެވެ.









