އަނިޔާވެރިވުމުގެ ހުރިހާ ވައްތަރެއް އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ގެވެށި އަނިޔާ" އާ ގުޅޭ ގޮތުން މިއަދުގެ ހުކުރު ޚުތުބާގައި ބުނީ މިކަމަކީ މުޖުތަމަޢުގައި ގަދަ އަޑުން ވާހަކަދެކެވޭ، އެ ކަމާ މެދު ކަންބޮޑުވެ، އެ ކަން ހުއްޓުވުމަށްޓަކައި އަޑު އުފުލަމުންދާ މައްސަލައެއް ކަމަށާއި ގެވެށި އަނިޔާގެ ތެރޭގައި ހިމެނެނީ، ފިރީން އަނބީންނަށް، އަނބީން ފިރީންނަށް ކުރާ އަނިޔާއާއި، މައިންބަފައިން ދަރިންނަށް ކުރާ އަނިޔާއާއި، ދަރީން މައިންބަފައިންނަށް ކުރާ އަނިޔާއާއި، އެކަކު އަނެކަކަށްކުރާ ތަފާތު ބާވަތްތަކުގެ އަނިޔާތައް ކަމަށެވެ.
ޚުތުބާގައި ބުނީ މުސްލިމް މުޖުތަމަޢަކީ ރަޙްމަތާއި، ކުލުނާއި، އޯގާވެރިކަމާއި، އަޅައިލުމުގެ މުޖުތަމަޢަކަށް ވާއިރު، އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމަކީ އިސްލާމްދީނުގެ އަސާސްކަމުގައިވާ އޯގާވެރިކަމާ އަރައިރުންވާ ކަމެއް ކަމަށެވެ. އެގޮތުން މުސްލިމް އަންހެނުންނަކީ އިސްލާމީ މުޖުތަމަޢުގެ ބިނާގެ އެއް ބައި ކަމުގައިވާއިރު، އަދި އެ ކަނބަލުން މުސްލިމް ފިރިހެނުންގެ އަނބީންނަށް، ނުވަތަ މައިންނަށް، ނުވަތަ އުޚްތުންނަށް، ނުވަތަ ދަރިންނަށްވާއިރު، އެ ކަނބަލުންނަށް އަނިޔާވެރިވުމުގެ ކުރީން، އެ ކަމާ މެދު ކޮންމެ މުސްލިމަކު ވިސްނަން ޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ގެވެށިއަނިޔާގެ ރޯގާ އަހަރެމެންގެ ގޭތެރޭގައި ވަކިހިއްޕަމުން ދަނީ ބައްޕައާއި ދަރީންނާ ދެމެދުގައި، ނުވަތަ މަންމައާއި ދަރީންނާ ދެމެދުގައި ނުވަތަ ފިރިމީހާއާއި އަނބިމީހާއާ ނުވަތަ އަނބިމީހާއާއި ފިރިމީހާއާ ދެމެދުގައި ބަދަލުކުރެވޭ ހަރުކަށި މުޢާމަލާތުތަކުގެ ސަބަބުން ކަމަށެވެ. ބައެއް ފިރިހެނުން ހަރުކަށި ގޮތަކަށް މުޢާމަލާތުކުރަނީ އަޚްލާޤު ރިވެތި، ޢިލްމުވެރި ބަޔަކަށް އެމީހުންގެ ދަރީން ހެދުމަށްޓަކައި ކަމަށާއި، ދަރީން ރަނގަޅަށް ބަލަހައްޓާ ކިޔަމަންތެރި އަތްނބަކު ގޭގައި ބޭންދުމަށް ޓަކައި ކަމަށް ޚުތުބާގައި ބުންޏެވެ. ނަމަވެސް ފިރިހެނާ މި ގޮތަށް ޢަމަލުކުރުމުގެ ނަތީޖާއަކީ، އަނބިމީހާއާއި ދަރީންގެ ނުކިޔަމަންތެރިކަން އިތުރުވުމާއި އަމާންކަންމަތީ އޮތް ގޭތެރެ ނާމާންވުމުގެ އިތުރުން ހިތްހަމަޖެހުން އޮންނާން ޖެހޭ ގޭތެރެ ހިތްދަތިވުން ކަމަށް ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން ފިރިމީހާ އޭނާގެ އަނބިމީހާއަށް ކަމޭހިތުމަކީ، އޭނާގެ ފިރިހެންވަންތަކަމަށް ލިބޭ އުނިކަމެއް ނޫން ކަމަށާއި އަދި އެއީ އޭނާއަށް ލިބޭ އިހާނެތިކަމެއް ވެސް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ. ޚުތުބާގައި ބުނީ ފިރިމީހާގެ ފިރިހެންވަންތަކަން އޮންނާނީ އަނބިމީހާއަށް އަޅައިލުމާއި އޯގާތެރިވުމުގެ މަތީގައާއި އޭނާގެ ރިވެތި އަޚްލާޤުގެ މަތީގައި ކަމަށެވެ.
ޚުތުބާގައި ބުނީ މިފަދަ ބޭއަދަބީ ކަންކަމަށް އަރައިގަނެވޭ އެންމެ ބޮޑު ސަބަބަކީ، އީމާންކަމުގެ ބަލިކަށިކަން ކަމަށެވެ. އެގޮތުން އީމާންކަން ނެތިއްޖެ ނަމަ، ލަދުވެތިކަމެއް ނޯންނާނެ ކަމަށާއި، ލަދުވެތިކަން ނެތިއްޖެ ނަމަ، އެއްވެސް ނުބައި ކަމަކަށް އަރައިގަތުމުގައި ފަހަކަށް ނުޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ގެވެށިއަނިޔާގެ ސަބަބުތަކުގެ ތެރޭގައި، މަސްތުވާ ތަކެތި ވެސް ހިމެނޭ ކަމަށާއި މަސްތުވާ ތަކެއްޗަކީ ހުރިހައި ނުބައިކަމެއްގެ އަސާސް ކަމަށެވެ. މަސްތުވާތަކެތީގެ ސަބަބުން މީހާގެ އީމާންކަން ބަލިކަށިވެ، ޝައިޠާނާގެ ޝިކާރައަކަށް އިންސާނާ ވާނެ ކަމަށާއި ޝައިޠާނާގެ ދަލުގައި ޖެހިއްޖެ ނަމަ ނުކުރާކަށް ނުބައިކަމެއް ނޯންނާނެ ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި އިތުރަށް ބުނީ ގެވެށި އަނިޔާއަކީ، ފިރިހެނުންގެ ފަރާތުން އަންހެނުންނަށް ލިބޭ އަނިޔާ އެކަނި ނޫން ކަމަށާއި އަންހެނުންގެ ފަރާތުން ފިރިހެނުންނަށް ލިބޭ އަނިޔާ ވެސް، ގެވެށިއަނިޔާގެ ތެރޭގައި ހިމެނޭ ކަމަށެވެ. ދެމަފިރީން ދަރީންކުރިމަތީ ޒުވާބުކުރުމާއި، ޖަދަލުކުރުމުގެ ސަބަބުން ދަރީންނަށް ނަފްސާނީގޮތުން އަނިޔާލިބި، އެ ކުދީންގެ މެދުގައި އަނިޔާވެރިވުމަށް މަގުފަހިވެ، ދަރީންގެ ބަސްމަގު ހުތުރުވެ، އެ ކުދީންގެ ކުރިމަތީގައި މައިންބަފައިންގެ އަގުވެއްޓި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ ސަބަބެއްކަމުގައި އެ ކަން ވެގެންދާކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ނަސޭޙަތްތެރިވެފައިވަނީ ދެމަފިރީން ވެސް މާތް ﷲ ކަނޑައަޅުއްވައިފައިވާ ޙުދޫދުގެ ތެރޭގައި ތިބުމަށާއި، އަނބީން ފިރީންނަށް ކިޔަމަންތެރިވެ، އަމާނާތްތެރިވާން ޖެހޭނޭކަމާއި، އަދި ފިރީން ވެސް އަނބީންނަށް އޯގާތެރިވެ އެހީތެރިވާން ޖެހޭނޭކަމަށެވެ. އަދި އެއްވެސް ޙާލެއްގައި، އެއް ބަޔަކު އަނެއް ބަޔަކަށް އަނިޔާވެރިވުމަކީ ޙަރާމްކުރައްވައިފައިވާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.









