މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން މިއަހަރުގެ މިހާތަނަށް 1333 ސަނަދެއް "ވެލިޑޭޓް" ކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް އެމްކިޔުއޭއަށް ޖުމްލަ 1621 ސަނަދެއް 'ވެލިޑޭޓް' ކުރުމަށް ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން 1333 ސަނަދެއް ވަނީ "ވެލިޑޭޓް" ކޮށްފައެވެ.
ކޮލިފިކޭޝަން ރިކޮގްނިޝަންގެ ޚިދުމަތަކީ ދިވެހިރާއްޖޭގައި އަދި ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ދަރިވަރުން ހާސިލްކޮށްފައިވާ ސަނަދުތަކަކީ އެމްކިޔުއޭ އިން ކަނޑައަޅާފައިވާ އެމްއެންއެފްކިޔު ލެވެލަށް ފެތޭ ސަނަދެއްކަން ކަށަވަރުކުރުމުގެ ގޮތުން ދެވޭ ޚިދުމަތެކެވެ.
ދަރިވަރުން 'ވެލިޑޭޓް' ކުރުމަށް ނުވަތަ ޕްރޮގްރާމެއްގެ ފެންވަރު ކަނޑައެޅުމުގެ ޚިދުމަތަށް އެދި އެމްކިޔުއޭއަށް ސަނަދެއް ހުށަހެޅުމުން، އެ އިދާރާއިން އެ ސަނަދެއްގެ ލެވެލް ބަލައި ޗެކްކުރުމަށްފަހު، އެ ސަނަދެއްގެ ލެވެލް އެނގޭނެ، އެމްކިޔުއޭގެ ތައްގަނޑު ހިމެނޭ ލިޔުމެއް ދަރިވަރާ ހަވާލުކޮށްދެވޭނެއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދިވެހިރާއްޖޭގެ ތަޢުލީމީ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ރާއްޖޭގެ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖޭގެ ޔުނިވަރސިޓީތަކުގައި ބޭރުގެ ދަރިވަރުން ތަޢުލީމު ހާސިލުކުރުމަށް ރާއްޖެ އަންނާނެ ފަދަ ހަރުދަނާ ތަޢުލީމީ ނިޒާމެއް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
މި އަމާޒަށް ވާސިލްވުމަށް މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ފެންވަރު ކަށަވަރުކޮށް، ރާއްޖޭގެ ޔުނިވަރސިޓީ އަދި ކޮލެޖް އިންސްޓިޓިއުޓްތަކުން ނިކުންނަ ދަރިވަރުންގެ ތަޢުލީމީ ފެންވަރު ހަރުދަނާކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ދަށުން އެމްކިޔުއޭ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.










