މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ރާއްޖޭގައި ހިންގުމަށް ހުއްދަ ދީފައިވާ ޕްރޮގްރާމްތައް، ދެވިފައިވާ ހުއްދައާ ހިލާފަށް ރާއްޖެއިން ބޭރުގައި ހިންގަމުންދާތީ ސަމާލުވުމަށް އެދި އެ އޮތޯރިޓީން މިއަދު ބުނެފި އެވެ.
އެމްކިއުއޭއިން ބުނީ، ރާއްޖޭގައި ހިންގުމަށް ހުއްދަ ދީފައިވާ ޕްރޮގްރާމްތައް، ރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކުން ރާއްޖެއިން ބޭރުގައި ހިންގައި، ރާއްޖެއިން ބޭރުގެ ދަރިވަރުންތަކަކަށް ދީފައިވާ ސަނަދުތަކަކީ ސައްހަ ސަނަދުތަކެއްކަން ކަށަވަރުކުރުމުގެ ގޮތުން ރާއްޖެއިން ބޭރުގެ ތިން ގައުމެއްގެ ރަސްމީ އިދާރާތަކުން އެ އޮތޯރިޓީގައި އެކި ފަހަރު މަތިން އެދިފައިވާ ކަމަށެވެ.
އެމްކިއުއޭއިން އިތުރަށް ބުނެފައިވަނީ، މިގޮތަށް ޕްރޮގްރާމްތައް ހިންގައި ސަނަދު ދިނުމަށް އެއްވެސް މަތީ ތަޢުލީމީ މަރުކަޒަކަށް ހުއްދަ ދީފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ކޮށްފައިވާ މި އަމަލުގެ ސަބަބުން ރާއްޖެއިން ބޭރުގެ ދަރިވަރުންތަކަކަށް ލިބޭ ގެއްލުމަށް ޒިންމާވާންޖެހޭނީ އެކަން ކުރި މަރުކަޒުން ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.
މިފަދަ ޢަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ މަތީ ތައުލީމީ މުއައްސަސާތަކާ މެދު ބިނާވެފައިވާ އިތުބާރާއި ޔަޤީންކަމަށް ބުރޫއެރުމަކީ އެކަށީގެންވާ ކަމެއްކަމަށް އެމްކިއުއޭގެ ފާހަގަކުރި އެވެ.
މި މައްސަލައާ ގުޅިގެން، އެމްކިއުއޭއިން ވަނީ ރާއްޖެއިން ބޭރުގައި ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާނަމަ، އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުއްދަ ހޯދުމަށްފަހު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެދިފައި އެވެ.