ޕްރޮގްރާމު އޮޑިޓު ނުހަދައި ދަރިވަރުންނަށް ސަނަދު ދިން 2 މަރުކަޒަކަށް އެމްކިއުއޭއިން ނޯޓިސް ފޮނުވައިފި

އައިޝަތު ރުވާ ރިފްޢަތު | 188 ދުވަސް ކުރިން - 8 އޯގަސްޓް 2025 13:01
ފޮޓޯ: އެމްކިއުއޭ
ފޮޓޯ: އެމްކިއުއޭ
ޚުލާސާ

އެފަދަ އަމަލުތައް ހުއްޓާލުމަށް އެފަދަ މަރުކަޒުތަކަށް ނަސޭހަތްތެރިވެފައިވާ ކަމަށާއި، ފަހުން އެމްކިއުއޭގެ ޕްރޮގްރާމު އޮޑިޓަށް އެ ސަނަދުތައް ހުށަހެޅި ނަމަވެސް، ބަލައިނުގަންނާނެ ކަމަށްވެސް އެ އޮތޯރިޓީން ހާމަކުރި.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ޕްރޮގްރާމު އޮޑިޓު ފުރިހަމަނުކޮށް، ގްރެޖުއޭޝަންގައި ދަރިވަރުންނަށް ސަނަދު ދެމުންދިޔަ 2 މަރުކަޒަކަށް އެކަން ހުއްޓާލަން އަންގައި ނަސޭޙަތުގެ ނޯޓިސް ފޮނުވައިފިއެވެ. މި ނިންމުން ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ތަޢުލީމީ ފެންވަރު ރައްކާތެރިކޮށް، ދަރިވަރުންނަށް ލިބޭ ސަނަދުތަކުގެ ބަލައިގަތުން ކަށަވަރުކުރުމުގެ ގޮތުންކަމަށް އެމްކިއުޭއިން ބުންޏެވެ.

އެމްކިއުއޭއިން މިއަދު ބުނީ، އެ އޮތޯރިޓީގެ ޕްރޮގްރާމު އޮޑިޓު ފުރިހަމަނުކޮށް، ބައެއް މަރުކަޒުތަކުން ގްރެޖުއޭޝަން ބާއްވައި، ދަރިވަރުންނަށް ސަނަދު ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ ހުއްދައާއި އެމްކިއުއޭގެ ޕްރޮގްރާމު އޮޑިޓު ނުހަދައި، ކުރިން އެޕްރޫވްކޮށްފައި ހުރި ޕްރޮގްރާމުތައް މޮބައިލްކޮށް ރަށްރަށުގައި ހިންގައި، ސަނަދު ދޫކުރަމުންދާ ކަންވެސް ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ އޮތޯރިޓީން ފާހަގަކުރިއެވެ. މިހާތަނަށް މިފަދަ 2 މަރުކަޒަކަށް ނަސޭޙަތުގެ ނޯޓިސް ދީފައިވާ ކަމަށްވެސް އެމްކިއުއޭއިން ބުންޏެވެ.

އެމްކިއުއޭއިން ހާމަކުރި ގޮތުގައި، އެފަދަ ސަނަދުތަކަކީ އެ އޮތޯރިޓީން ގަބޫލުކުރާނެ ސަނަދުތަކެއް ނޫނެވެ. އަދި، އެފަދަ އަމަލުތައް ހުއްޓާލުމަށް އެފަދަ މަރުކަޒުތަކަށް ނަސޭހަތްތެރިވެފައިވާ ކަމަށާއި، ފަހުން އެމްކިއުއޭގެ ޕްރޮގްރާމު އޮޑިޓަށް އެ ސަނަދުތައް ހުށަހެޅި ނަމަވެސް، ބަލައިނުގަންނާނެ ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ. މީގެ އިތުރުން، މުސްތަގުބަލުގައި އެފަދަ އަމަލުތައް ތަކުރާރުކުރާ މަރުކަޒުތަކަށް ޤާނޫނީ ފިޔަވަޅު އަޅާނެކަންވެސް އެމްކިއުއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

މީގެކުރިން ވެސް މިފަދަ މައްސަލަތެއް ފެންމަތިވެފައިވާއިރު، މަތީ ތައުލީމާއި ތަމްރީންދޭ 101 މަރުކަޒަކުން ރީ-ރަޖިސްޓްރީ ނުކުރާތީ، އެ ތަންތަނުން ހިންގާ ކޯސްތަކުގެ ސަނަދުތައް ބަލައިނުގަތުމަށް އެ އޮތޯރިޓީން ވަނީ ނިންމަވާފައެވެ. މިފަދަ ފިޔަވަޅުތައް އަޅަމުންދަނީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ފެންވަރު ރަނގަޅުކޮށް، ދަރިވަރުންނަށް ލިބޭ ތައުލީމީ ސަނަދުތަކަށް ބައިނަލްއަޤްވާމީ ގޮތުންވެސް އިތުބާރު ހޯދައިދިނުމުގެ މަޤްސަދުގައިަކަމަށް އެ އޮތޯރިޓީން ބުންޏެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%