މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން ދިވެހި ހަވާލާ ދިނުމުގެ އުސްލޫބެއް ނެރެފިއެވެ.
އެ އޮތޯރިޓީ އިން ބުނީ މި އުސްލޫބަކީ މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނާއި، | ދިވެހި އިލްމީ ދިރާސާވެރިންނާއި ލިޔުންތެރިންނަށް އެ އޮތޯރިޓީގެ ފަރާތުން އިސްނަގައިގެން ތައްޔާރުކޮށްފައިވާ އަގުހުރި އިލްމީ މަސައްކަތެއް ކަމަށެވެ.
މި އުސްލޫބު ފަރުމާކޮށްފައި ވަނީ ދިވެހީން މިހާތަނަށް އާންމުކޮށް ބޭނުންކުރަމުން އައި އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަން (އޭ.ޕީ.އޭ.) ރިފަރަންސިންގް ސްޓައިލްގެ ގޮތްތަކާވެސް ބީރައްޓެހި ނުވާނޭ ގޮތަކަށް ވިސްނައިގެން އޭ.ޕީ.އޭ.އާއި 'އެމެރިކަން ސޯޝަލޮޖިކަލް އެސޯސިއޭޝަން (އޭ.އެސް.އޭ.) ރިފަރަންސިން ސްޓައިލް' މި ދެ މިންގަނޑު އަސްލަކަށް ބަަލައިގެން ކަމަށް އެ އޮތޯރިޓީ އިން ވަނީ ބުނެފައެވެ.
ފޮތް އެކުލަވައިލި މުސައްނިފުން:
- ޑރ. އާމިނަތު ރިޔާޟް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
- ޑރ. އަޙްމަދު އަލި ދީދީ، ވިލާ ކޮލެޖް
- އަލްފާޟިލް މުތާއު ޝަހީމް، މިއާންޒް ކޮލެޖް
- ޑރ. އާމިނަތު ޝާފިޔާ އާދަމް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
- އަލްފާޟިލާ އައިޝަތު ޝިމްލާ، މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް
އެމްކިއުއޭގެ މި އުސްލޫބުގެ އެއް މަގުސަދަކީ ގައުމުގެ އެކި މުއައްސަސާތަކާއި، ދާއިރާތަކާއި، ޝާއިއުކުރެވޭ ލިޔުންތައް އެއް ފޯމެޓަކަށް ފެންނަން ހުރުން ކަމަށާއި، މި އެއްގޮތްކަމުގެ ސަބަބުން، ކޮންމެ ދާއިރާއަކުން ދިރާސާކުރި ކަމުގައިވިޔަސް، ކިޔުންތެރިންނަށާއި ދަރިވަރުންނަށް މައުލޫމާތުގެ އަސްލު ހޯދައި ކަށަވަރުކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ބުންޏެވެ.
އަދި މިކަމުގެ ސަބަބުން ދިރާސާކުރާފަރާތުގެ އަމިއްލަ އުފެއްދުންތެރި ހިޔާލުތަކާއި އެހެން މީހުންގެ މަސައްކަތްތައް ވަކިކޮށް ދެނެގަނެވި، އިލްމީ ބޮޑު ކުށެއް ކަމުގައިވާ "އިލްމީ ވައްކަން" (Plagiarism)ކުރުމުން ދުރުހެލިވުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އެމްކިއުއޭ އިން ނެރުނު އުސްލޫބުގައި ވަނީ ބުނެފައެވެ.









