ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލަކަށް ހެދުމަށް ކުރިއަށްއޮތްތަނަށްވެސް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ވަޒީރު ފައިޞަލް ވިދާޅުވީ، ރާއްޖެ މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ މަޤްބޫލު މަންޒިލަކަށް ވެފައިވަނީ ރާއްޖޭގެ ސަޤާފަތާއި، ޤުދުރަތީ ރީތިކަމާއި، ދިވެހިން ދައްކަމުންދާ ފުރިހަމަ މެހެމާންދާރީގެ ސަބަބުންކަމަށެވެ. އަދި މުސްތަޤްބަލުގައިވެސް ރާއްޖެ ފަތުރުވެރިކަމުގެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.

ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި 3 އޮކްޓޯބަރ ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވަނީިވަނީ މިއީ ރާއްޖޭގައި ފުރަތަމަ ރިސޯޓެއް ހުޅުވުނު ދުވަސްކަމަށްވާތީއެވެ. މިހާރު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 175 ރިސޯޓާއި، 901 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 152 ސަފާރީ އުޅަނދު ދަނީ ރަޖިސްޓްރީކޮށްގެން ޚިދުމަތް ދެމުންނެވެ. މިއީ މުޅި ޖުމްލަ 62،908 އެނދެވެ.









