މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާގެ ހޮސްޕިޓަލެއްގައި ގޭންގު ރޭޕް ކޮށްގެން މަރާލި އަންހެން ޑޮކްޓަރެއްގެ ހައްގުގެ އިހުތިޖާޖުގައި އެތައް ހާސް ބަޔަކު އަނެއްކާވެސް މަގުތަކަށް ނުކުމެއްޖެ އެވެ.
މީގެ ދެ މަސް ކުރިން ކަލްކަތާގެ ސަރުކާރު ހޮސްޕިޓަލުން އުމުރުން 31 އަހަރުގެ އަންހެން ޑޮކްޓަރެއް ރަހުމް ކުޑަކޮށް މަރާލާފައި އޮއްވާ ފެނިފައިވާއިރު، އޭގެ ފަހުން މުޅި ގައުމުގައި އެކަމާއި ދެކޮޅަށް މުޒާހަރާ ކޮށްފައި ވެއެވެ. ކޮލްކަތާގެ ހުރިހާ ހޮސްޕިޓަލެއްގެ ޑޮކްޓަރުން ވަނީ އެތައް ހަފްތާއެއް ވަންދެން ހަޅުތާލުކޮށްފަ އެވެ.
އިއްޔެ އަނެއްކާވެސް ޑޮކްޓަރުންތައް މަގުތަކަށް ނުކުތީ، ހުޅަނގު ބެންގަލް ސަރުކާރުން ހޮސްޕިޓަލް ސެކިއުރިޓީއާ ގުޅޭ ގޮތުން ވެފައިވާ ވައުދުތައް ތަންފީޒު ނުކުރާ ކަމަށް ބުނެ އެވެ.
އަންގާރަ ދުވަހު ޑޮކްޓަރުންގެ މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާއިރު އޭގެ ތެރެއިން ގިނަ ބަޔަކު ބުދަ ދުވަހުގެ ހެނދުނާ ހަމައަށް މުޒާހަރާގައި ތިއްބެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އިންސާފު ލިބެންދެން އަޅުގަނޑުމެންގެ މުޒާހަރާ ނުހުއްޓޭނެ ކަމުގެ މެސެޖެއް ފޮނުވަން،" މުޒާހަރާގެ އިންތިޒާމް ކުރާ ރިމްޖިމް ސިންހާ އޭއެފްޕީއަށް ވިދާޅުވި އެވެ.
މި މުޒާހަރާ ކުރިއަށް ގެންދަނީ ހިންދޫ ދީނުގައި މުޤައްދަސް ކަމަށް ބެލެވޭ ހަނގުރާމަވެރި ކަލާނގެ ދުރުގާއަށް ޝަރަފުވެރިކަން ދިނުމުގެ ގޮތުން އޭގެ ދެތިން ދުވަސް ފަހުން ކަލްކަތާގައި ފެއާއެއް ބާއްވަން ހަމަޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.
ރާމް ޖުމް ސިންހާ ވިދާޅުވީ 'މި ފެސްޓިވަލުން ނުބައިކަމުގެ މައްޗަށް ހެޔޮކަން ކާމިޔާބުވުމުގެ މެސެޖު ލިބޭ ކަމަށާއި މިފަހަރު ވާނީ މުޒާހަރާތަކުގެ ފެސްޓިވަލަކަށް' ކަމަށެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކަލްކަތާގައި ވެސް އިތުރު މުޒާހަރާތަކެއް ކުރިއަށް ގެންދާނެ ކަމަށް ބެލެވެ އެވެ.
އިއްޔެ ކުރި މުޒާހަރާތަކުގައި މަރާލާފައިވާ ޑޮކްޓަރުގެ އާއިލާގެ މެމްބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.









