ދިވެހިރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ހަރުދަނާކުރުމަށް ޤާއިމްކުރި ފަހުމުނާމާއެކު ކަނޑުމަހުގެ އުފެއްދުންތައް ސައުދީއަށް އެކްސްޕޯޓްކުރަން މަގުފަހިވާނޭކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސަޢުދީ ޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.
ފަހުމުނާމާގައި ސޮއިކުރެއްވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި އާއްމުކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ މި ފަހުމުނާމާގެ މަގުސަދަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި މަސް އެކްސްޕޯޓް ކުރުމާއި ޓެކްނޮލޮޖީ އަދި މައުލޫމާތު ބަދަލުކުރުން ކަމަށެވެ. އަދި މީގެ އިތުރުން ފަހުމުނާމާގެ ސަބަބުން މެރިކަލްޗަރ ދާއިރާއަށް އިންވެސްޓްކުރުމަށް މަގުފަހިވެގެންދާނެކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ސައުދީ އަރަބިއްޔާއަކީ ސީފުޑްގެ ކުރިއަރަމުން އަންނަ މާކެޓެއްކަމަށާއި ފަހުމުނާމާގެ ސަބަބުން ސައުދީ އަރަބިއްޔާއަށް ކަނޑުމަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް މަގުފަހިވެގެންދާނެއެވެ..
މި ފަހުމުނާމާގެ ތެރެއިން ވަރަށް އަވަހަށް ރާއްޖޭގައި ވިޔަފާރިއަށް ޚާއްސަ ފޯރަމެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.









