އިސްރާއީލުން ޣާއްޒާއާއި ލުބްނާނަށް ދެމުންދާ އުދުވާނީ ހަމަލާތައް ބައިނަލްއަގުވާމީ މުޖްތަމައުން ހުއްޓުވަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިސްރާއީލުން ޣާއްޒާއާއި ލުބްނާނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވަމުންދާ ދަނޑިވަޅެއްގައި ސޯޝަލް މީޑިއާ އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިސްރާއީލުން ލުބްނާނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ގެދޮރު ދޫކޮށް ދާންޖެހިފައިވާ ކަމަށެވެ. އަދި އިސްރާއީލުގެ މި އަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުށްވެރި ކުރައްވާފައެވެ.
އިތުރަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އިސްރާއީލުގެ އަމަލުތަކަކީ އިންސާނީ ހައްގުތަކާބެހޭ އަދި ބައިނަލްއަގުވާމީ ގާނޫނުތަކާއި ކަނޑައެޅިގެން ހިލާފު އަމަލުތަކެކެވެ. އަދި މި އުދުވާނީ ހަމަލާތައް ބައިނަލްއަގުވާމީ މުޖްތަމައުން ހުއްޓުވައި، އެކަމަށް ޖަވާބުދާރީކުރުވަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވެއެވެ.
ދިވެހި ސަރުކާރުން އިސްރާއީލުގެ އަނިޔާވެރި ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މި ނާޒުކު މައްސަލައިގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކުއްލި އަދި ހަރުދަނާ ފިޔަވަޅެއް އެޅުމަށް ގޮވާލައްވާފައިވާއިރު ދުނިޔޭގެ ގިނަ ޤައުމުތަކުން ވެސް އެއް އަޑަކުން މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދެއެވެ.









