ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާ ގުޅިގެން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އަށް ހުށަހެޅިފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މިކަމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖެ އަބަދުވެސް ކުރިއަށްދާނީ އިންސާނިއްޔަތާއި ސުލްހައާއި އިންސާފުގެ މަގުންކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ޤާނޫނުތަކާ ޚިލާފަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކަށް ޖަވާބުދާރީކުރުވަންޖެހޭކަމަށެވެ. އަދި ޤާނޫނުގެ ވެރިކަން ނަގަހައްޓާ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރައީސް ގޮވާލެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖެ އަބަދުވެސް ދެމިއޮންނާނީ އިންސާނިއްޔަތާއި ސުލްހައާއި އިންސާފުގެ ފަޅީގައިކަމަށެވެ. އަދި އެމަގުން ކުރިއަށްދާއިރު ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނު ރައްޔިތުންނާއެކުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރުގެ ޖެނުއަރީ މަހު، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް ނިންމެވީ މި މައްސަލާގައި ދިވެހިރާއްޖެއިން ބައިވެރިވުމަށެވެ. ބަންޑާރަ ނައިބުގެ އޮފީހުން ބުނީ "ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން" ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްގެ ފަރާތުން އައި.ސީ.ޖޭ. އަށް ހުށަހަޅާފަވާކަމަށެވެ.
މި މައްސަލައަކީ ދެކުނު އެފްރިކާގެ ފަރާތުން 29 ޑިސެންބަރު 2023 ގައި އައި.ސީ.ޖޭ އަށް ހުށަހެޅި މައްސަލައެކެވެ. މައްސަލައިގައި ބުނެފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނާ ޚިލާފު ޢަމަލުތަކެއްކަމަށެވެ.
ދިވެހިރާއްޖެއިން މިއަދު ހުށަހެޅި އިންޓަރވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން "އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް" އަދި "ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތާ ގުޅޭގޮތުންނެވެ.
ދިވެހި ސަރުކާރުން އަންނަނީ އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތައް ކުށްވެރިކޮށް، އެ ޢަމަލުތަކަކީ ޖެނޮސައިޑް އަދި އެޕާތައިޑްގެ ޢަމަލުތަކެއްކަމާއި، އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއްކަމަށް ބައިނަލްއަޤްވާމީ އެހެން މައިދާންތަކުގައި ކެނޑިނޭޅި ވަކާލާތުކުރަމުންނެވެ.
މީގެ އިތުރުން، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ޢާންމު ބަހުސްގައި ރައީސް ވަނީ މި މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެ ބަހުސްގައި ރައީސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހާލަތަކީ ދުނިޔޭގެ ހުރިހާ ޤައުމުތަކުން ސަމާލުކަން ދޭންޖެހޭ މައްސަލައެއްކަމަށެވެ.
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ޢަމަލުތައް ލަސްނުކޮށް އަދި މުޅިން ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލަމުން ގެންދެއެވެ. އަދި ފަލަސްތީނާއި އިސްރާއީލުގެ ދެމެދުގައި އުފެދިފައިވާ ޚިލާފަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ޙައްލަކީ، 1967 ވަނަ އަހަރުގެ ކުރިން ޤާއިމުވެފައިވާ ސަރަޙައްދީ ބައުންޑަރީތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި ސިޔާދަތީ ބާރު ފުރިހަމައަށް ލިބިގެންވާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމެވެ. މި މަޤްޞަދު ޙާޞިލުކުރުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތުން ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އަބަދުވެސް ދެމުންދެއެވެ.









