ޖަޕާނުގެ އައު ބޮޑުވަޒީރު ޝިގެރު އިޝިބާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޚަބާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ޝިގެރު އިޝިބާގެ ވެރިކަމުގައި ޖަޕާނަށް އިތުރު ތަރައްގީއާއި ކުރިއެރުން ލިބޭނެކަމަށް ޔަޤީންކުރައްވާ ކަމަށެވެ. އަދި ބޮޑުވަޒީރުގެ މަޤާމު އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެން، ޖަޕާނުގެ އައު ސަރުކާރާ ގުޅިގެން ދެ ޤައުމުގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓު.
ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ މަޤާމު އިޝިބާއަށް ލިބިވަޑައިގެންނެވީ، އެ މަޤާމުން ފުމިޔޯ ކިޝިދާ އޮގަސްޓު މަހު އިސްތިއުފާދެއްވުމާއި ގުޅިގުޅިގެންނެވެ. ޖަޕާނުގެ އެލްޑީޕީގެ ވެރިކަމަށް އައު ބޭފުޅަކު ޢައްޔަން ކުރުމަށް އިންތިޚާބެއް ބާއްވާފައި ވަނީ، އެ މަޤާމަށް އިތުރު ދައުރަކަށް ވާދަ ނުކުރައްވަން ކިޝިދާ ނިންމެވުމުންނެވެ. އެލްޑީޕީގެ އައު ވެރިޔާ ކަނޑައެޅުމަށް ބޭއްވި އިންތިޚާބުގައި އިޝިބާ ކާމިޔާބު ކުރެއްވީ ނުވަ ކެނޑިޑޭޓަކާ ވާދަކުރައްވައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 14 ނޮވެމްބަރު 1967ވަނަ އަހަރުކަމާއި، މި ގުޅުމަށް މިއަހަރު 57 އަހަރު ފުރޭނެ ކަމެވެ. މި ދިގު މުއްދަތުގެ ތެރޭގައި ދެ ޤައުމުގެ ގުޅުން ވަނީ އިތުރަށް ބަދަހިވެފައެވެ.









