ހުޅުމާލޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ 10 ބުރީގެ އޮފީސް ޢިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ޢިއުލާނުކޮށްފިއެވެ.
އެމްޕީއެލް އިން އިއްޔެ ކުރި ޢިއުލާނެއްގައި ބުނީ އެ ކުންފުނިން ހުޅުމާލޭގައި އޮފީސް ޢިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ހުރި ފަރާތްތައް ހޯދަމުންދާ ކަމަށެވެ.
އެމްޕީއެލް އިން ބުނީ އެ މަސައްކަތް ކުރިއަށްގެންދާނީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ކަމަށާއި އެ ޢިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލްގެ ކުރިމަތިން އޮންނަ ބިމުގައި ކަމަށެވެ.
އެ ޢިމާރާތުގައި ކޮންފަރެންސްތަކާއި އިވެންޓްތައް ބޭއްވުމަށް ޚާއްސަ ފްލޯއަކާއި ކެފޭ / ރެސްޓޯރަންޓްތަކަށް ޚާއްސަ ފްލޯއެއްގެ އިތުރުން ވިޔަފާރިތަކަށް ޚާއްސަ ފްލޯތަކެއް ވެސް ކަނޑައަޅާފައިވާ ކަމަށް އެމްޕީއެލް އިން ބުންޏެވެ. އަދި ޢިމާރާތުގައި މީހުން ދިރިއުޅުމަށް އަށްވަނަ ފަންގިފިލާއާއި ނުވަ ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވާ ކަމަށާއި އެންމެ މަތީގައި ރޫފްޓޮޕް ރެސްޓޯރަންޓެއް ހަދަން ނިންމާފައިވާކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
އެމްޕީއެލް އިން ބުނީ އޮފީސްތަކަށް ޚާއްސަކުރާނީ ހަ ފަންގިފިލާ ކަމަށާއި، އެމްޕީއެލްގެ މަސައްކަތަށް ޚާއްސަ އޮފީސް އޭރިއާގެ އިތުރުން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްވެސް އޮފީސް ޖާގަ އެ ޢިމާރާތުގައި ތަރައްޤީކުރާނެ ކަމަށެވެ.
މީގެ އިތުރުން ޢިމާރާތުގައި މަސައްކަތް ކުރާ ފަރާތްތަކަށާއި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށްގެން ބޭސްމެންޓަކާއި ޕާކިންއަށް ޚާއްސަ ސަރަޙައްދެއްވެސް ހަމަޖައްސާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެކަމަށް ޝައުޤުވެރިކަން ފާޅުކޮށް، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމަށް އެމްޕީއެލް އިން ވަނީ އެދިފައެވެ.









