އިސްރާއީލު ސިފައިން ވަނީ ލުބުނާނުގައި ހިޒްބުالله އާއި ދެކޮޅަށް ލިމިޓެޑް ގްރައުންޑް އޮޕަރޭޝަނެއް ފަށާފައެވެ.
އިސްރާއީލުގެ ސިފައިން ލުބުނާނަށް ހަތިޔާރާއިއެކު އަރާފައިވާއިރު ހިޒްބުاللهއާ ހަނގުރާމަ ކުރުމަށް އިސްރާއީލުން ލުބުނާނަށް އިތުރު ސިފައިން ފޮނުވުމުގެ ފުރުސަތު ބޮޑުވެ އެވެ.
އޭއެފްޕީގެ ނޫސް އެޖެންސީން ބުނި ގޮތުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލާ ވިދާޅުވީ ލުބުނާނަށް ބިމުން ދިން ހަމަލާތަކާ ބެހޭ ގޮތުން އިސްރާއީލުން އެމެރިކާއަށް އަންގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އިސްރާއީލުގެ މި އޮޕަރޭޝަނަކީ ބޯޑަރު ކައިރީގައި ހިޒްބުاللهގެ އިންފްރާސްޓްރަކްޗާ ނައްތާލުމަށް އަމާޒުކޮށްގެން ހިންގާ ލިމިޓެޑް އޮޕަރޭޝަނެއް ކަމަށެވެ.
ޤާހިރާގައި ހުންނަ ހުޅަނގުގެ ޑިޕްލޮމެޓަކު،ބުނީ ލުބުނާނުގައި އިސްރާއީލުން 'ގާތްގަނޑަކަށް' ގްރައުންޑް އޮޕަރޭޝަނެއް ހިންގަން ފަށާފައިވާ ކަމަށެވެ.
އިސްރާއީލުން އެ ޕްލޭން އެމެރިކާއާއި ހުޅަނގުގެ އެކުވެރި ގައުމުތަކާ ހިއްސާކޮށް، އެ އޮޕަރޭޝަން ލިމިޓް ކުރާނެ ކަމަށް ބުނެފައިވާ ކަމަށް ޑިޕްލޮމެޓް ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.
މީގެ އިތުރުން ލުބުނާނުގެ ސިފައިންގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ ސިފައިންގެ މަޤާމު ބަދަލުކުރަމުންދަނީ ދެކުނު ބޯޑަރުގައި ކަމަށެވެ.
އިސްރާއީލުން ދިން ހަމަލާއެއްގައި ލުބުނާނުގެ ހަނގުރާމަވެރި ޖަމާއަތް ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުالله އަވަހާރަވުމުން އޭނާގެ ނައިބު ނައީމް ޤާސިމް ފުރަތަމަ ފަހަރަށް އިއްޔެ މީޑިއާ އާއި ބައްދަލުކުރެއްވިއެވެ.
އެމަނިކުފާނުގެ ޚިޠާބުގައި ލުބުނާނުގެ ރައްޔިތުންނަށް ޔަޤީންކަން ދެއްވީ 'ކާމިޔާބު ވާނީ އަޅުގަނޑުމެންނަށް ނަމަވެސް ކެތްތެރިވާން ޖެހޭނެ' ކަމަށެވެ.
ފުރަތަމަ ތަގުރީރުގައި ނައީމް ޤާސިމް ވަނީ ހަނގުރާމަ ކުރިއަށް ގެންދިއުމަށް އިޝާރާތް ކުރައްވައި، ދިގު ހަނގުރާމައަކަށް ހިޒްބުالله ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. އިސްރާއީލުން ލަނޑުދަނޑިތައް ހާސިލް ނުކުރެވޭނެ.'
ފާހަގަކޮށްލަންޖެހޭ ކަމަކީ މި ޚިޠާބަކީ ހަސަން ނަޞްރުالله އަވަހާރަވިތާ ހަތަރުވަނައަށް ވީ ދުވަހު ދެއްވި ޚިޠާބެކެވެ.
ނައީމް ޤާސިމް ވިދާޅުވީ ވޭތުވެދިޔަ މަސްތަކުގައި ހިޒްބުاللهގެ އިސް ކޮމާންޑަރުން މަރާލި ނަމަވެސް މިހާރު އެމީހުން ބަރޯސާވެފައި މިތިބީ އާ އަސްކަރީ ކޮމާންޑަރުންނަށް ކަމަށެވެ.
އަދި އިސްރާއީލުން ހިޒްބުﷲގެ (އަސްކަރީ) ޤާބިލުކަމަށް އަސަރެއް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. "މިހާރު ޑެޕިއުޓީ ކޮމާންޑަރު މަސައްކަތް ކުރައްވަނީ. ކޮމާންޑަރަކަށް އަނިޔާވެއްޖެނަމަ އޭނާގެ ބަދަލުގައި އާ ކޮމާންޑަރަކު އައްޔަން ކުރާނެ.'
ހިޒްބުاللهގެ ވެރިޔާ ހަސަން ނަޞްރުالله އަވަހާރަކޮށްލުމާއި އެކު އެ ޖަމާއަތުގެ މުވާސަލާތީ ނެޓްވޯކް ހަލާކުވުމާއި އިސް ބައެއް ކޮމާންޑަރުން މަރުވުމަކީ 1982 ވަނަ އަހަރު އީރާނުން އެ ޖަމާއަތް އުފެއްދި ފަހުން ލިބުނު އެންމެ ބޮޑު ގެއްލުމެވެ.
ހަސަން ނަސްރުالله ވަނީ ހިޒްބުالله އަކީ ލުބުނާނުގެ އެންމެ ބާރުގަދަ އަސްކަރީ އަދި ސިޔާސީ ބާރަކަށް ހައްދަވާފައެވެ. އެއީ މެދުއިރުމަތީގެ ހުރިހާ ހިސާބަކަށް ވެސް ނުފޫޒު ފޯރާފައިވާ ބާރެކެވެ.
ނައީމް ޤާސިމް އިއްޔެ ވިދާޅުވީ އިޒްރޭލުން ބިމުން ހަމަލާއެއް ފަށައިފިނަމަ ހިޒްބުاللهގެ ހަނގުރާމަވެރިން ތިބީ ލުބުނާނު ދިފާއު ކުރަން ތައްޔާރަށް ކަމަށެވެ.









