ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރާ މަސައްކަތުގައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާއިން އަބަދުވެސް ދެމިއޮންނާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލީޝިން ވިދާޅުވެއްޖެއެވެ.
ސަފީރު މިހެން ވިދާޅުވީ މިއަދު ދަރުބާރުގޭގައި ބޭއްވުނު ޗައިނާގެ 75 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ، ޗައިނާއާއި ރާއްޖެއާ ދެމެދު ގުޅުން ޤާއިމްކުރިތާ 52 އަހަރު ވެފައިވާއިރު، މި ގުޅުމަކީ ކުޑަ ޤައުމަކާއި ބޮޑު ޤައުމެއްގެ ދެމެދު އޮންނަންޖެހޭ ގުޅުމުގެ ރަނގަޅު މިސާލެއް ކަމަށެވެ. އަދި މި ގުޅުމަކީ އިތުބާރާއި އިހްތިރާމްގެ މައްޗަށް ބިނާވެފައިވާ، ދެ ޤައުމަށް ފާގަތިކަން ގެނެސްދޭ ގުޅުމެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.
ސަފީރު ވިދާޅުވީ މި ގުޅުމުގެ ތެރެއިން ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންގޮސް، ތަރައްޤީގެ ރޮނގުން ރާއްޖެއަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި ސިނަމާލެ ބްރިޖާއި، ގެދޮރުވެރިކަމުގެ އެކި މަޝްރޫޢުތަކުގެ އިތުރުން ވެލާނާ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނޭކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދެވިފައިވާކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. މި ގުޅުމުގެ ތެރެއިން ތަރައްޤީގެ އިތުރު މަޝްރޫޢުތައް ރޭވިފައިވާކަން ފާހަގަކޮށް، ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ސަފީރުގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެ ކުރަމުންދާ މަސައްކަތަށާއި، ސިޑްސް ޤައުމުތަކުގެ ކުރިއެރުމަށް ރާއްޖެއިން އިސްވެ ކުރަމުންދާ މަސައްކަތަށް ތަޢުރީފްކުރައްވާފައިވެއެވެ. އަދި ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށްވެސް ޗައިނާ ސަފީރު ވިދާޅުވިއެވެ.
ސަފީރު އިތުރަށް ވިދާޅުވީ ރައީސް މުޢިއްޒުގެ ވެރިކަމުގައި ތަރައްޤީގެ ރޮނގުން ރާއްޖެއިން އިތުރު ކުރިއެރުންތަކެއް ހޯއްދަވާނެކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.
މި ރަސްމިއްޔާތަކީ ޗައިނާގެ 75 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ހަފްލާއެކެވެ. މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މަޖިލީސް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.









