ޗައިނާއަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިވަމުން އަންނަ ތަރައްގީގެ މުހިއްމު ބައިވެރިއެއްކަމަށާއި، ދެ ގައުމުގެ ގުޅުން ކުރިއަށް އޮތްތާނގައިވެސް ދަނީ އިތުރަށް ބަދަހިވަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ބޭއްވުނު ޗައިނާގެ 75 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ޗައިނާ އެމްބަސީއިން ރާއްޖޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވޭތުވެދިޔަ ދިގު މާޒީގައި އެކި ރޮނގުރޮނގުން ޗައިނާއިން ހޯދި ކުރިއެރުންތަކާއި ކާމިޔާބީތަކަށް ތަޢުރީފުކުރައްވައި، އިޤްތިޞާދީގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީ އަދި އީޖާދީ ވިސްނުންތަކާއި ކުރިއެރުންތައް ހޯދުމުގައި ޗައިނާއިން ދުނިޔެއަށް ނަމޫނާ ދައްކާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިއީ ޤައުމު އާރާސްތު ކުރުމަށް އެ ޤައުމުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން، ރާއްޖެ މިހާތަނަށް ކުރިމަތިލި އެންމެ ބޮޑު ކާރިސާކަމަށްވާ ސުނާމީ ކާރިސާގައި ޗައިނާއިން ދިވެހިރާއްޖެއަށް އެހީވުމުގައި ދައްކާފައިވަނީ ލާމަސީލު ނަމޫނާއެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސުނާމީގައި ލިބުނު ގެއްލުންތައް އާރާސްތުކުރުމަށް ގެދޮރު ބިނާކުރުމާއި ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ޗައިނާއިން ފޯރުކޮށްދިން އެހީވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޗައިނާއިން ގެނެސްދިނީ ރާއްޖޭގެ ކުރިމަގަށް އުއްމީދުކަމަށެވެ. އެގޮތުން ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ދެ ޤައުމުގެ އިތުބާރާއި ގާތް ގުޅުން ހަނދާންކޮށްދޭ އެންމެ ފުރިހަމަ ބިނާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖެއަށް މުހިންމު ދާއިރާތައްކަމުގައިވާ ވިޔަފާރި، ފަތުރުވެރިކަން، ދަނޑުވެރިކަން، ރިނިއުބަލް އެނަރޖީ، ގެދޮރުވެރިކަން އަދި ޢުމްރާނީ ތަރައްޤީގެ ދާއިރާތަކުން ޗައިނާގެ އެހީތެރިކަން ކުރިމަގުގައިވެސް ލިބޭނެކަމަށެވެ.
އެގޮތުން، ރައީސް ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ ގާތް ބައިވެރިޔާކަމަށާއި، ރާއްޖެއަށް ދިމާވާ ކޮންމެ ގޮންޖެހުމެއްގައި އެ ޙާލަތުން އަރައިގަނެ ޙާލަތު ބަދަލުކޮށްލުމުގައި ޗައިނާ އަބަދުވެސް އޮތީ ރާއްޖެއާއެކުގައިކަމަށެވެ.
"ޗައިނާގެ ވާހަކައާއި ހޯދަމުންދާ ކުރިއެރުމަކީ މުޅި ދުނިޔެއަށް ކުރަހައިދިން ތަރައްޤީގެ ތަޞައްވުރެއް. ރާއްޖެއާއި ޗައިނާގެ ގުޅުން އަބަދުވެސް ދާނީ ކުރިއަށް." ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވަޒީރުންނާއި، ޗައިނާ އެމްބަސީގެ އިސްވެރިން އަދި ރާއްޖޭގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތަކީ ޗައިނާގެ ޕީޕަލްސް ރިޕަބްލިކް އުފެދުނު ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވާ ރަސްމިއްޔާތެކެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ގުޅުން ޤާއިމުކުރެވުނީ 1972 ވަނަ އަހަރުއެވެ. އޭގެފަހުން ފެށިގެން ދެ ޤައުމުގެ ގުޅުން ވަނީ އެކި ދާއިރާތަކުން ވަރަށް ބޮޑަށް ކުރިއަރާފައެވެ. ޚާއްޞަކޮށް އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ވަނީ ފުޅާވެފައެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާއިންނާއި، ޞިއްޙީ ދާއިރާއިން އަދި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ޗައިނާގެ އެހީތެރިކަން ރާއްޖެއަށް ލިބެމުންދެއެވެ.









