ފުވައްމުލަކުން ވާ މަދު ކުރަން ބަޑި ޖަހަން ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ފުވައްމުލަކު ސިޓީ ކައުންސިލާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެމްއެންޑީއެފް އިން ބުނީ ފުވައްމުލަކުގައި ވާ ގިނަވެ، އޭގެ ސަބަބުން އާންމުންނަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވުމާއެކު، ސެޕްޓެމްބަރު 28 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ކޮންމެ ދުވަހަކުވެސް އެ ސިޓީގެ އެކި ސަރަޙައްދުތަކުގައި ބަޑި ޖަހައިގެން ވާ މަދުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ޕްްރޮގްރާމްގައި ހަރަކާތްތެރިވަމުން އަންނަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުންނާއި ފުވައްމުލަކު ޕޯސްޓުގައި މަސައްކަތް ކުރާ ސިފައިންނެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފައިވަނީ އެ ސިޓީގައި ވާ ގިނަވެ އޭގެ ސަބަބުން ދަނޑުބިންތަކާއި ގަސްތަކަށް ގެއްލުންވުމުގެ އިތުރުން ރަށުގެ އެކި ހިސާބުތަކުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށްވެސް އެކި ވަރުގެ އުނދަގޫތަކާއި ކުރިމަތިވާކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން އެ ރަށުގެ އަނބުގަސްތަކުގައި އަޅާ އަނބުތައް ވާ ކާ މައްސަލަވެސް ވަރަށް ބޮޑުކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ ފުވައްމުލަކަކީ ދަނޑުވެރިކަން ކުރާ ރަށަކަށް ވާއިރު، ދަނޑުތަކަށާއި ގޭގައި ހުންނަ ގަސްތަކަށް ވެސް ވާލުގެ އުނދަގޫ ވަރަށް ބޮޑުކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.









