މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ، މިފްކޯ އިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 17.3 މިލިއަން ރުފިޔާ މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިފްކޯއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މިދިޔަ މަހުގެ 24 އިން ބުދަ ދުވަހުގެ ނިޔަލަށް މިފްކޯއަށް ކިރި މަހުގެ އަގު 17.35 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި، ސަރުކާރުގެ އެހީތެރިކަމާއެކު މި ފައިސާ އޮޑިވެރިންނަށް އެއްކޮށް ދީ ނިންމާފައިވާ ކަމަށެވެ.
މިފްކޯއިން އިތުރަށް ބުނެފައިވަނީ، ދުނިޔޭގެ ބާޒާރުގެ އަގުތައް ބެލުމުގައި ގެންގުޅޭ މޮޑެލްތަކަށް ރިއާޔަތްކޮށް، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފަން ނިންމާފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މީގެ އިތުރުން، މިފްކޯއަށް މާލީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ކަނޑައަޅާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ. މިގޮތުން، ޖުމްލަ ފަސް އަހަރުގެ ތެރޭގައި 2.5 ބިލިއަން ރުފިޔާގެ ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގުމަށް ރޭވިފައިވާ ކަމަށާއި، މީގެ ތެރޭގައި ޅ. ފެލިވަރުގައި ހުންނަ މައި މަރުކަޒު ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން އަލަށް ގާއިމުކުރާ ކޭނަރީގެ ޑިޒައިނިންގ މަސައްކަތް ހިމެނޭ ކަމަށް މިފްކޯއިން ބުނެއެވެ.
މި މަޝްރޫޢަކީ ޗައިނާގެ ކޮންޓްރެކްޓަރަކާއި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ފެށިފައިވާ މަޝްރޫޢެއް ކަމަށާއި، މި މަޝްރޫޢުގެ ސަބަބުން ފެލިވަރުގެ އޮޕަރޭޝަންގެ ހަރުދަނާކަމާއި އުފެއްދުންތެރިކަމުގެ ޤާބިލުކަން ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.









