ދައުލަތުގެ މީޑިޔާ ކުންފުނި ޕަބްލިކް ސަރވިސް މީޑިޔާ ، ޕީއެސްއެމް އިން ޑޮލަރު ގަތުމަށް ނެގި ފައިސާ އަދި އާމްދަނީގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާއާ ގުޅޭ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން ، އޭސީސީން ތަޙްޤީޤުކުރަމުން އަންނަ ކަމަށް އޭއީއީން ބުނެފިއެވެ.
އޭސީސީން ބުނީ މި މައްސަލައަކީ ޕީއެސްއެމްއިން އެ ކޮމިޝަނަށް ހުށަހަޅައިގެން މިއަހަރުގެ ޖުލައި މަހުން ފެށިގެން ތަޙްޤީޤުކުރަމުން އަންނަ މައްސަލައެކެވެ. އަދި މި މައްސަލައިގެ ޕްރިލިމިނަރީ ތަޙްޤީޤު ނިންމައި، އިތުރަށް ތަޙްޤީޤުކުރަންޖެހޭ ކަންކަން ހުރުމާއެކު މައްސަލަ އިތުރަށް ތަޙްޤީޤުކުރަން ފަށާފައިވާ ކަމަށްވެސް އޭސީސީން ބުނެއެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓެއްގައި ވާގޮތުން، 2017 ވަނަ އަހަރުން ފެށިގެން ފާއިތުވި އޭޕްރީލް މަހުގެ ނިޔަލަށް ޕީއެސްއެމްއަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ 4.9 މިލިއަން ރުފިޔާ އަދި ތިޖޫރީގައި ހުރި 190،000 ރުފިޔާ ވަނީ ގެއްލިފައެވެ. މި ފައިސާ ޖަމާކޮށްފައި ވަނީ ޕީއެސްއެމްގެ ފައިނޭންސް ޑިރެކްޓަރާއި އޭނާގެ ދަރިއެއްގެ އެކައުންޓަށް ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައާއި ގުޅިގެން އޭސީސީން ބުނީ، ޕީއެސްއެމްގެ ޚާއްސަ އޮޑިޓް ކުރިޔަށްދިޔައިރު އޮޑިޓަރ ޖެނެރަލް އޮފީހުން އޭސީސީއާއި މަޝްވަރާކޮށް، މައްސަލައާއި ގުޅުންހުރި ހެއްކާއި ގަރީނާއަށް އަސަރުނުކުރާނެ ގޮތަށް ދެ މުއައްސަސާއިން އެކުގައި މަސައްކަތްކޮށްފައިވާ ކަމަށެވެ.
މި ސަރުކާރުން ކޮރަޕްޝަންގެ މައްސަލަތަކަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭއިރު، ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކޮރަޕްޝަން ނައްތާލުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ. މިފަދަ މައްސަލަތައް ބަލައި ތަޙްޤީޤުކުރުމަކީ ސަރުކާރުގެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.









