އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން އާދީއްތަ ދުވަހު ޔަމަނަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާ ތަކުގައި ހަތަރު މީހުން މަރުވެ 33 މީހުން ވަނީ ޒަހަމް ވެފައެވެ. ހަމަލާ ދިނުމަށް އެމެރިކާއިން ދީފައިވާ އެފް-15ގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް އިސްރާއީލުގެ ސިފައިން ވަނީ ބޭނުން ކޮށްފައެވެ.
މި ހަމަލާތައް ދީފައިވަނީ ހޫޘީންގެ ފަރާތުން އިސްރާއީލަށް މިސައިލް އާއި ޑްރޯން ހަމަލާ ދިނުމާއި ގުޅިގެން ކަމަށާއި ހޫޘީންނަށް ދިން ހަމަލާތައް އަމާޒު ކޮށްފައި ވަނީ އެމީހުންގެ ހަކަތައިގެ ނިޒާމަށް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ.
ހޫތީންގެ ބާރުގެ ދަށުގައިވާ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ހުދައިދާ އާއި ރަސް އީސާ ބަނދަރަށް ވައިގެ މަގުން ގިނަ އަދަދަކަށް ހަމަލާތަކެއް ދީ ހުދައިދާގެ ދެ ބަނދަރަކާއި ދެ އިންޖީނުގެއަކަށް ބޮން ބޮން އަޅާފައި ވެއެވެ. މި ހަމަލާތަކުގެ ތެރޭގައި ބޮޑު ތެޔޮ އެކްސްޕޯޓް ޓާމިނަލަކާއި އަލްހާލީ އަދި އަލް ކަތުބް އިންޖީނުގެތަކަށް ބޮޑެތި ގެއްލުން ލިބުނުއިރު، އަލްހައްލީ އިންޖީނުގެ މުޅިން ހަލާކުވެ، ހުދައިދާގެ މައި އިންޖީނުގެ ވަނީ މަސައްކަތް ނުކުރެވޭ ހާލަތަކަށް ގޮސްފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިހަވަރަކަށް ހަނގުރާމަ މަތިންދާބޯޓު މި ހަމަލާތަކުގައި ބައިވެރިވެފައިވާ ކަމަށެވެ.









