ހުކުރު ދުވަހު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ސީރިއާގެ ފަސް ސިފައިން މަރުވެފައިވާ ކަމަށް ސީރިއާގެ ރަސްމީ ނޫސް އެޖެންސީން ބުނެފިއެވެ.

ހަމަލާގެ އެއް ދުވަސް ކުރިން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެމީހުންގެ ހަނގުރާމަ މަތިންދާބޯޓުތައް އަމާޒުކުރާނީ ސީރިއާ އާއި ލުބުނާނުގެ ބޯޑަރު ކައިރީގައި ހިޒްބުالله އިން ކޮންޓްރޯލްކުރާ ފެކްޓަރީތަކާއި ގުދަން ތަކަށް ކަމަށާއި އެ ތަންތަނުން ލުބުނާނަށް ހަތިޔާރު ބަދަލުކުރާ ކަމަށެވެ.

ސީރިއާގެ ޤުސައިރު ސަރަހައްދާއި ލުބުނާން ގުޅުވައިދޭ ސީރިއާގެ ބޮޑު ސަރަހައްދަކަށް އިސްރާއީލުގެ މަތިންދާބޯޓުތަކުން ހަމަލާ އަމާޒުކޮށްފައިވާ ކަމަށް ސީރިއާގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާއެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެއެވެ. މި ހާދިސާގައި އެތައް ބަޔަކަށް ވަނީ އަނިޔާވެފައެވެ. އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ މިއީ މި ހަފްތާގައި ލުބުނާނުގައި ހިޒްބުالله އަށް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދިން ފަހުން އިސްރާއީލުން ދިން ފުރަތަމަ ހަމަލާ ކަމަށެވެ.