ބެއިރޫތުގައި ހިޒްބުاللهގެ ބައެއް ކޮމާންޑަރުންނަށް އަމާޒުކޮށް އިސްރާއީލުން ވަނީ ސިލްސިލާ ހަމަލާތަކެއް ދީފަ އެވެ.
ފަވާދު ޝުކާރު: ފާއިތުވި ދުވަސްތަކުގައި މަރާލި ކޮމާންޑަރުންނާ ގުޅޭ ރިޕޯޓުތަކުގައިވާ ގޮތުން ޖުލައި 30 ވަނަ ދުވަހު ދިން ހަމަލާގައި އަވަހާރަވެފައި ވަނީ އެ ޖަމާއަތުގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ އަދި އިސްރާއީލުގެ ހައި ޕްރޮފައިލް ހިޓް ލިސްޓުގައި ހިމެނޭ ފަވާދު ޝުކާރެވެ.
ހިޒްބުالله އާއި ގާތް މަސްދަރުތަކުން ބުނާ ގޮތުގައި ފަވާދު ޝުކާރަކީ އުމުރުން 60 އަހަރަށް ވުރެ ތަންކޮޅެއް މަތީގެ މީހެއް ކަމަށާއި އިސްރާއީލާ އެކު ބޯޑަރުގައި ހިނގި ހަމަނުޖެހުންތަކުގައި އޭނާ މުހިންމު ދައުރެއް އަދާކުރި ކަމަށެވެ.
ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް ބޯޑަރު ސަރަހައްދުތަކުގައި ހިޒްބުالله އާއި އިސްރާއީލުގެ ސިފައިންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުންދެ އެވެ.
ފަވާދު ޝުކާރަކީ ހިޒްބުاللهގެ ބާނީންގެ ތެރެއިން އެއް ބޭފުޅެއް ކަމަށާއި އޭނާ އަކީ 1975-90 ގެ ދާޚިލީ ހަނގުރާމައިގައި ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުاللهގެ މުހިއްމު ލަފާދޭ ބޭފުޅެކެވެ.
އޭނާ އަކީ ހިޒްބުاللهގެ އެންމެ އިސް އަސްކަރީ ކޮމާންޑަރު ކަމަށާއި ހަސަން ނަސްރުالله ގެ ވަރަށް އަރިސް ބޭފުޅެއް ކަމަށް ވެއެވެ.
2017 ވަނަ އަހަރު އެމެރިކާއިން ވަނީ ފަވާދު ޝުކާރާ ބެހޭ މައުލޫމާތެއް ފޯރުކޮށްދޭ މީހަކަށް ފަސް މިލިއަން ޑޮލަރުގެ އިނާމެއް ދޭނެ ކަމަށް އިއުލާންކޮށްފަ އެވެ. އެމެރިކާއިން ބުނެފައިވަނީ 1983 ވަނަ އަހަރު އެމެރިކާ ސިފައިންނަށް އޭނާ ހަމަލާ ދިން ކަމަށެވެ.
އިބްރާހިމް އަގީލް: ހަމައެފަދައިން ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ދިން ހަމަލާގައި ހިޒްބުاللهގެ ރިޟްވާން ގްރޫޕްގެ ލީޑަރު އިބްރާހިމް އަގީލް އަވަހާރަކޮށްލިއެވެ.
ހިޒްބުالله އާއި ގާތް ފަރާތަކުން ވަނީ ފަވާދު ޝުކާރަށް ފަހު އެ ޖަމާއަތުގެ ދެވަނައަށް އެންމެ މުހިއްމު ކޮމާންޑަރެއްގެ ގޮތުގައި އިބްރާހިމް އަގީލް ސިފަކޮށްފައެވެ.
ރިޟްވާން ޔުނިޓުގައި ހިމެނޭ ހަނގުރާމަވެރިންނަކީ ބޯޑަރު ސަރަހައްދުގައި ހަނގުރާމަ ކުރުމަށް ހާއްސަ ތަމްރީނުތަކެއް ދީފައިވާ ބައެކެވެ.
އެމެރިކާއިން ބުނަނީ އިބްރާހިމް އަޤީލަކީ ހިޒްބުاللهގެ ޖިހާދު ކައުންސިލްގެ މެންބަރެއް ކަމަށާއި އެއީ އެ ހަރަކާތުގެ އެންމެ މަތީ ފަންތީގެ އަސްކަރީ އިދާރާ ކަމަށެވެ.
އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ބުނާ ގޮތުގައި އޭނާ އަކީ 1983 ވަނަ އަހަރު ބެއިރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ދިން ހަމަލާތަކުގައި ބައިވެރިވި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދު ކައުންސިލްގެ 'ޕްރިންސިޕަލް މެމްބަރެކެވެ.
އިބްރާހިމް މުހައްމަދު ޤުބައިސީ: ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ވައިގެ ހަމަލާއެއްގައި ގައިޑްޑް މިސައިލްސް ޔުނިޓްގެ އިތުރުން އެހެން ބައެއް ޔުނިޓްތަކުގެ ކޮމާންޑަރު އިބްރާހިމް މުހައްމަދު ޤުބައިސީ އަވަހާރަކޮށްލާފައި ވެއެވެ.
އިސްރާއީލުގެ އަސްކަރީ އޮފިޝަލުން ބުނާ ގޮތުގައި 'އިބްރާހިމް ޤުބައސީގެ އަތުގައި މިސައިލްތަކާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ހުރި ކަމަށާއި އޭނާއަކީ ހިޒްބުاللهގެ އަސްކަރީ އޮފިޝަލުންނާ ގާތް މީހެކެވެ.
ޤުބައިސީ 1982 ވަނަ އަހަރު ހިޒްބުالله އާއި ގުޅުނު އިރު، ފަހުން ވަނީ އެ ގްރޫޕްގެ އެންމެ މަތީ މަގާމުތަކަށް އަރައިފަ އެވެ.
އަދި އިސްރާއީލާއެކު ލުބުނާނުގެ ބޯޑަރުގައި ހިންގާ އޮޕަރޭޝަންތަކަށް ޓާގެޓްތައް ހަވާލުކުރި ޔުނިޓްގެ ކޮމާންޑަރުގެ މަގާމުވެސް އޭނާ ހުންނެވިއެވެ.
މުހައްމަދު ސަރްވާރު: ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ދިން ހަމަލާއެއްގައި 2020 ވަނަ އަހަރުން ފެށިގެން ހިޒްބުاللهގެ ޑްރޯން ޔުނިޓްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި މުހައްމަދު ސަރްވާރު ވަނީ އަވަހާރަވެފައެވެ.
ހިޒްބުالله އާއި ގާތް މަސްދަރުތަކުން ބުނާ ގޮތުގައި ސަރްވާރަކީ ހިސާބުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ އަދި އީރާނުން ވެސް ތާއީދުކުރާ ހޫތީ ން ތަމްރީނު ކުރުމަށް ޔަމަނަށް ފޮނުވި ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ.
އަދި 2013 ވަނަ އަހަރު ހިޒްބުاللهގެ ފަރާތުން ސީރިއާގައި އޭނާ ވަނީ ހަރަކާތްތެރިވެފަ އެވެ.
ސަރްވާރުގެ ޖަނާޒާއާއި ވަޅުލުން ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހު ހިޒްބުالله އިންނެވެ.
މީގެ އިތުރުން ފަހަކަށް އައިސް ދިން ހަމަލާތަކުގައި އަވަހާރަވި އެހެން ކޮމާންޑަރުންގެ ތެރޭގައި ވިސާމް އަލް ތަވީލް އާއި މުޙައްމަދު ނަސްރު ހިމެނެއެވެ









