ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، އެމެރިކާގެ ނިއުޔޯކުން މިއަދު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ އދ.ގެ އާންމު މަޖިލީހުގެ ޖެނެރަލް ޑިބޭޓްގައި ތަޤުރީރު ކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އދ.ގެ މެންބަރަކަށް ވީތާ 59 އަހަރު ފަހުން، އެމަނިކުފާނު ވަނީ ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ރައީސެއްގެ ހައިސިއްޔަތުން އދ.ގެ ސަލާމަތީ މަޖިލީހުގައިވެސް ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް މުޢިއްޒު ވަނީ މި ދަތުރުފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާއި، އިއާދަކުރަނިވި ހަކަތަ، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކާއި ޑިޖިޓަލައިޒޭޝަން ފަދަ މުހިންމު މައުޟޫޢުތަކަށް އަލިއަޅުވާލައްވާ ވާހަކަފުޅުފުޅު ދައްކަވާފައެވެ. މީގެ އިތުރުން، އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރޭޒްއާވެސް ބައްދަލުކުރައްވާފައިވެއެވެ.
ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން، ރައީސް މުޢިއްޒު ވަނީ ޕްރިންސްޓަން ޔުނިވަރސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއަރޒްގައި ތަޤުރީރު ކުރައްވައި، ނިއުޔޯކްގައި ހުންނަ ގޫގްލްގެ މައި އޮފީހަށްވެސް ޒިޔާރަތްކުރައްވާފައެވެ. އަދި ނިއުޔޯކްގައި ދިރިއުޅޭ ދިވެހިންނާވެސް އެމަނިިކުފާނު ބައްދަލުކުރައްވާފައިވެއެވެ.
ރައީސް މުޢިއްޒު އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ވަޑައިގެންނެވީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މިއީ އެމަނިކުފާނު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.









